ބަންގުބަންދު ގޯލްޑްކަޕްގައި ނޭޕާލުން ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން 0-1 ގެ ނަތީޖާ އަކުން މޮޅުވެ އެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފި އެވެ.

މިއަދުގެ އެ މޮޅަކީ ދެ އަހަރަށް ފަހު ނޭޕާލްގެ ގައުމީ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. އެ ގޮތުން 2013 ވަނަ އަހަރު ނޭޕާލްގެ ކަތަމަންޑޫގައި އޮތް ސާފް ޗެމްޕިއަންްޝިޕްގައި އިންޑިއާ އަތުން 1-2 ގެ ނަތީޖާ އަކުން މޮޅުވި މެޗަށް ފަހު އޭގެ ދެ އަހަރު ފަހުން އެ ޓީމަށް މިވަނީ އިންޓަނޭޝަނަލް މެޗަކުން މޮޅެއް ލިބިފައެވެ.

ޖޯޝުރުގެ ޝަމްސުލް ހުދާ ސްޓޭޑިއަމްގައި މިއަދު ކުޅުނު އެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު މެޗުގަ ތިން ވަނަ މިނެޓްގައި ނޭޕާލަށް ކާމިޔާބް ކޮށްދިނީ ބިމާލް މަގާ އެވެ.

އެ ގޯލަށް ފަހުގައި ވެސް ނޭޕާލުން ދިޔައީ ލަންކާ ގޯލަށް ނުރައްކާ ކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެ ގޮތުން ލަންކާ ޕެނަލްޓީ އޭރިއާ ކުރިމަތިން ނާޕާލަށް ލިބުނު ހިލޭ ޖެހުމެއް އަމްރިތް ޗައުދަރީ ފޮނުވާލި ނަމަވެސް ކީޕަރު ވަނީ އަތުން ޖައްސާ ބޭރު ކޮށްލާފައެވެ.

މެޗުގެ ފުރަތަމަ ހާފް ގިނަވަގުތު ނޭޕާލް އިން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ދެވަނަ ހާފް ފެށިގެން ލަންކާއިން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށް ގޯލެއްޖެހޭތޯ މަސަތްކަތް ކޮށްފަ އެވެ.

ނަމަވެސް ދެވަނަ ހާފްގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތު ލިބިގެންދިޔައީ ނޭޕާލު ޓީމަށެވެ. އެގޮތުން ލަންކާ ޓީމްގެ ޑިފެންޑަރެއް ބޮލުން ފަހަތަށް ޖައްސާލި ބޯޅަ ކައިރީގައި ހުރި ނޭޕާލް ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.

އެ މުބާރާތުގައި ނޭޕާލް އިން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާގެ ޒުވާން ޓީމް އަތުން 0-0 ގެ ނަތީޖާ އަކުން އެއްވަރުވި އިރު މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ހަތަރު ޕޮއިންޓް ލިބިގެން ގުރޫޕް އޭގެ އެއްވަނާގައެވެ.

މިއަދުގެ މެޗުން ބަލިވި ލަންކާ އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮތް އިރު މުބާރާތް ބާއްވާ ގައުމު ބަންގާޅުގެ ސިނިއާ ޓީމް އޮތީ ތިން ޕޮއިންޓާއި އެކު ދެ ވަނާގަ އެވެ. އަދި ތިން ވަނާގައި އެއް ޕޮއިންޓާއި އެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެލޭސިއާ އެވެ.