ދެހާހުގެ އަހަރުތަކުގައި ފިލްމީ ދާއިރާއަށް ތައާރަފުވެ، މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ އައިޝާ ޓަކިއާ އެ ދާއިރާ ދޫކޮށްލީ އޭނާގެ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

އެހެންކަމުން 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު އައިޝާގެ އެއްވެސް ފިލްމެއް ސްކްރީނާ ހަމައަށް އައިސްފައެއް ނުވެ އެވެ.

އެހެންނަމަވެސް، އަނެއްކާ ވެސް ފިލްމީ ދާއިރާ އަށް އެނބުރި އަންނަން ބޭނުންވާ ކަމަށް އައިޝާ ވަނީ ދާދި ފަހުން ބުނެފަ އެވެ.

"އަހަރެން ބޭނުން އެކްޓު ކުރުމަށް އެނބުރި އަންނަން. އަހަރެންގެ ދަރިފުޅަށް ވެސް ދެ އަހަރު ވެއްޖެ. އަހަރެންގެ ކިބައިގައި އެބަހުރި ރަނގަޅު ފިލްމެއް ކުޅޭނެހާ ހަކަތަ އަދި ވަގުތު ވެސް. މިހާރު މި ބަލަނީ އަހަންނަށް ކަމުދާ ވަރުގެ ފިލްމެއް ކުޅެން ލިބޭތޯ؟" އައިޝާ ބުންޏެވެ.

އޭނާ ބުނީ، ފިލްމީ ދާއިރާ އާ ދުރުގައި އުޅުނު ދުވަސްވަރު އެދާއިރާ މަތިން ވަރަށް ހަނދާންވި ކަމަށެވެ. އެހެންނަމަވެސް ކައިވެންޏަށް ފަހު އެދާއިރާ އާ ދުރަށް ދިއުމުން އޭނާ އަށް ތަފާތު ދިރިއުޅުމެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ވެސް އައިޝާ ބުންޏެވެ.

"ފިލްމީ ދާއިރާ އާ ދުރަށް ގޮސް، ދަތުރު ކުރުމާއި ވިޔަފާރި ކުރުމުގައި އަހަންނަށް އުޅެވުނު. މުޅިން ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބުން... ހަމައެހެންމެ ކެތްތެރިކަމާއި ލޯބި އެއީ ކޯއްޗެއްކަން ވެސްއަހަންނަށް ދަސްވި... ހާއްސަކޮށް އަހަރެންގެ ދަރިފުޅު މިކައިލް އާ އެއްކޮށް"، އައިޝާ ބުންޏެވެ.

އައިޝާ ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް އަދި ޕޮލިޓިޝަނެއް ކަމަށްވާ ފަރްހާން އަޒްމީ އާ އެވެ.

އައިޝާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ވޯންޓެޑް، ސުޕާ، ސޯޗާ ނަތާ ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.