އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި މިއަދު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެގައުމުގެ ރައީސް، ރައީސް ޖޯކޯ ވިޑޯޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްގައްޔޫމް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވިޑޯޑޯއަށް ރައީސް ޔާމީނު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ އެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކުގައި ކަމަށެވެ. އިންޑޮނޭޝިއާގައި ދިން ހަމަލާ އަކީ ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ދުނިޔެ އަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެ އިން އަބަދު ވެސް ސާބިތުކަން މަތީ ދެމިތިބޭނެ ކަމަށާއި އެކަމުގައި އިންޑޮނީޝިއާގެ ސަރުކާރާއި ބައިނަލް އަގުވާމީ މުޖުތަމައާ އެކު ރާއްޖޭން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޮމެއް ގޮއްވާލައި އަދި އޭގެ ފަހުން ބަޑިން ދިން ހަމަލާތަކުގައި ހަމީހުން މަރުވެ، އިތުރު މީހުން ވަނީ ޒަހަމްވެފަ އެވެ.