ޖަކާޓާ (ޖަނަވަރީ 14) :އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާ ގައި މިއަދު ގޮއްވާލި ބޮމާއި ދިން ބަޑީގެ ޙަމަލާތަކުގައި އައިއެސް ޖަމާއަތް ބައިވެރިވާކަމުގެ އެއްވެސް ހެއްކެތް އަދި ފެންނަން ނެތްކަމަށް އެގައުމުގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ.

އިންޑޮނީޝިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ސޫތިޔޯސޫ ވިދާޅުވިގޮތުގައި ޖަކާޓާއަށް މިއަދު ދިނީ ނުރައްކާތެރި ޓެރަރިސްޓް ޙަމަލާތަކެއް ކަމަށާއި ނަމަވެސް އެކަމުގެ ފަހަތުގައިވާ ބަޔަކު އަދި ދެނެގެނެވިފައިނުވާ ކަމުގައެވެ. އޭނާ ވިދާޅުވީ، އެ ޓެރަރިސްޓް ޙަމަލާތަކާ އައިއެސް ޖަމާއަތާ ގުޅުންހުރިކަމުގެ އެއްވެސް ހެއްކެތް އަދި ލިބިފައިނުވާ ކަމުގައެވެ. ނަމަވެސް އިންޑޮނީޝިޔާގެ ފުލުންވަނީ މިއީ އައިއެސްގެ ޙަމަލާއެއްކަމަށް ޝައްކުކޮށްފައެވެ.

އިންޑޮނީޝިޔާއަކީވެސް އައިއެސްއަށް ތާއީދުކުރާމީހުން އުޅޭ ގައުމެކެވެ. އައިއެސްއަށް ތާއީދުކުރާ ހައްދު ފަހަނަޅާފައިވާ ފިކުރުގެ މީހުން އުޅޭނީ އިންޑޮނީޝިޔާގެ ރަށްފުށުގެ ސަރަހައްދުތަކުގައެވެ. އިންޑޮނީޝިޔާގެ ޒުވާނުން އައިއެސްގެ ޕްރޮޕްގެންޑާ ތަކުގައި ޖެހުނަ ނުދިނުމަށްޓަކައި އެގައުމުން ގެންދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހެންކަމުން އައިއެސްގެ ސަފުތަކުގައި ހަނގުރާމަ ކުރުމަށްދާ އިންޑޮނީޝިޔާގެ ރައްޔިތުންގެ އަދަދު ނިސްބަތުން އިސްލާމީ ގިނަ ގައުމުތަކާ އަޅާބަލާއިރު މަދުކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަކާޓާގެ މެދުތެރޭގައިވާ ފުލުހުންގެ ޗެކް ޕޮއިންޓެއްގައި މިއަދު އާދައިގެ ގޮވުމެއް ގޮއްވާލުމަށްފަހު ކެފޭއަކާއި ވިޔަފާރި މަރުކަޒެއްގައި ބޮންތަކެއް ގޮއްވާލާފައިވެއެވެ. އެއަށްފަހު ހަތިޔާރުއެޅި ބަޔަކާއި އިންޑޮނީޝިޔާގެ ފުލުހުންނާ ދެމެދު ވަނީ ޙަމަލާތަކެއް ބަދަލުކޮށްފައެވެ.

ފުލުހުންގެ ޗެކް ޕޮއިންޓް ކައިރީގައި ގޮއްވާލި ބޮމަކީ މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްކަމަށްވަނީ ބެލެވިފައެވެ. މިޙަމަލާތަކުގައި 7 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ 4 މީހުން ހިމެނެއެވެ. (އަލްޖަޒީރާ)