14 Jan 2016, 16:52
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލަ ތާވަލްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ 1:00 އަށް ކަމަށެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
ނަމަވެސް އިމްރާން ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
އެ ދައުވާ ސާބިތުކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި 16 ހެކީގެ ތެރޭގައި މޭ އެއްވަނަ ދުވަހު އެއްވުމުގައި ސޯޝަލް ސެންޓަރާ ދިމާލު ބޮޑުތަކުރުފާނު މަގުގައި އިމްރާން ހުރެ ދެއްކި ވާހަކައިގެ ވީޑިއޯ އާއި އިމްރާން ތަހުގީގަށް ދީފައިވާ ބަޔާނުގެ އިތުން މުޒާހަރާކުރުމަށް ބުނެ އަދާލަތު ޕާޓީން ފުލުހުންނަށް ފޮނުވި ނޯޓިހާއި ގަވާއިދާ އެއްގޮތަށް މުޒާހަރާކުރަން އަންގައި ފުލުހުން އަދާލަތު ޕާޓީއަށް ފޮނުވި ސިޓީވެސް ހިމެނެ އެވެ. އޭގެ އިތުރުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ރިޕޯޓުތަކާކާއި ސިއްރުހެކިންވެސް ހުށަހަޅާފަ އެވެ.
އިމްރާންގެ ފަރާތުން ދިފާއުގައި ހުށަހަޅާފައި ވަނީ އެންމެ ހެއްކެކެވެ. އެއީ އެކެއް މޭ ދުވަހު މުޒާހަރާ ފެށުމުގެ ކުރިން އާޓިފިޝަލް ބީޗުގައި ހުރެ މުޒާހަރާގެ ބައިވެރިންނާ އިމްރާން ދެއްކި ވާހަކައިގެ ވީޑިއޯ އެވެ.