14 Jan 2016, 17:21
ކ .ތިލަފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީ ފެރީއަށް މިދިއަ އަހަރު އެރުވި މުދާތަކެއް ގެއްލިފައި ވާތީ އެ ގެއްލުމުގެ ބަދަލުގައި 90،000 ރުފިޔާ ދައްކަން އެމްޓީސީސީގެ މައްޗަށް ހުކުމްކޮށްފި އެވެ.
ލިއޯ ޓްރޭޑީންގް ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ މިދިއަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު މެންދުރު ފަހު 1:15 ގައި ތިލަފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ "ހެއްވާލި 2" ކާގޯ ފެރީއަށް އެރުވި މުދާތަކެއް ގެއްލިފައިވާ ކަމަށެވެ.
ގެއްލިފައިވާ މުދާތަކުގެ ތެރޭގައި ހިމެނެނީ އޮޑިދޯނި ފަހަރުގެ އިންޖީނުގެ ބުރަފައްޗަކާއި ޝަފްޓްއަކާއި އޭގެ ޓިއުބެއްގެ އިތުރުން ހުންގާނަކާއި އޭގެ ޝާފްޓެއް ކަމަށް ދައުވާގައިވެ އެވެ. އަދި އެ ފެރީއަށް ތަކެތި އެރުވީ ތިލަފުށިން މާލެ ގެންނަން ކަމަށް ވެސް ދައުވާގައިވެ އެވެ.
އެމައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އެތަކެތި ފެރީއަށް އެރުވިކަން ދައުވާ ކުރާ ފަރާތުގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގޭ ކަމަށާއި އަދި އެތަކެތި ދައުވާ ކުރި ފަރާތާ ހަވާލުކޮށްފައިވާ ކަމެއް އެމްޓީސީސީއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ފެރީއަށް އަރުވުމަށް ފަހު ފެރީން ނުބާލާހުންނަ މުދަލާ ބެހޭގޮތުން އެމްޓީސީއިން ހަދާފައިވާ ގަވާއިދުގައި ބުނެފައި ވަނީ މުދާ ގެންދާ ފަރާތުން މުދާ އެރުވުމަށްފަހު މުދަލާއި ހަވާލުނުވެ މުދާ ބާލާނެ ފަރާތެއް ނެތިގެން މުދާ އަނބުރާ ގެންނަން ޖެހިއްޖެ ނަމަ މުދާތައް ގެނައުމުގެ އަގާއި މުދާތައް ބޭލުމުގެ އަގު މުދާތައް އެރުވި ފަތާތުން ދޭން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެމްޓީސީސީގެ ފެރީން ނުބާލާ ހުންނަ މުދަލާ ބެހޭ ގަވާއިދުގައި އެގޮތަށް ބުނެފައިވީ ނަމަވެސް އެމްޓީސީސީން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
"ފެރީގައި ހުރި މުދާ ރައްކާތެރިކޮށް ބަލަހައްޓައި ދިނުމަކީ މުދާ އުފުލައިދޭ އުޅަނދުގެ ފަރާތުން ނުވަތަ މުދާ އުފުލައި ދިނުމުގެ ހިދުމަތް ދޭ ފަރާތުން ކުރަން ޖެހޭ ކަމެއް ކަމުގައި ވީ ހިނދު. މުދާ އޭގެ ވެރިފަރާތައް ރައްދު ނުވަނީސް މުދާ ގެއްލިފައި ވާތީ އެކަމުގެ ޒިންމާ ދައުވާ ލިބޭ ފަރާތުން އުފުލަން ޖެހޭނެކަން މިގޮތުން އެނގެން އޮވޭ،" ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.
އިއްޔެއިން ފެށިގެން މަސްދުވަހުގެ ތެރޭގައި ލިއޯ ޓްރޭޑީންގް ޕްރައިވެޓް ލިމިޓެޑަށް ގެއްލުނު ބަދަލުގެ ގޮތުގައި 90،000 ރުފިޔާ ދައްކަން އެމްޓީސީސީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.