މިސްރުގައި ފޭސްބުކް މެދުވެރިކޮށް މުޒާހަރާއަށް ނުކުންނަން ގޮވި 47 ފޭސްބުކް ޕޭޖެއްގެ އެޑްމިނިސްޓްރޭޓަރުން ހައްޔަރުކޮށްފި އެވެ.

މިސްރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ މީހުން މުޒާހަރާ ކުރަން ގޮވާލާފައި ވަނީ 2011 ވަނަ ހިނގާ ދިޔަ ހަމަނުޖެހުންތަކަށް ފަހު އޭރުގެ މިސްރުގެ ރައީސް ހުސްނީ މުބާރަކު ވެރިކަމުން ބޭލިތާ ފަސް އަހަރު ފާހަގަކުރުމުގެ ގޮތުންނެވެ.

މިސްރުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ މުޒާހަރާއަށް ގޮވާ ފޭސްބުކް ޕޭޖު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. ނަމަވެސް ރޮއިޓާސްގައި ބުނެފައި ވަނީ ހައްޔަރު ކުރި މީހުންގެ އަދަދެއް ނޭންގޭ ކަމަށެވެ.

މިސްރުގެ އިންޓީރިއާ މިނިސްޓަރު އަބޫބަކުރު އަބްދުލް ކަރީމް މިސްރުގެ މީޑިއާތަކަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންނަށް ތުހުމަތު ކުރެވެނީ މި މަހުގެ 25 ވަނަ ދުވަހު މުޒާހަރާއަށް ނުކުތުމަށް ފޭސްބުކް މެދުވެރިކޮށް ގޮވާލުން ކަމަށެވެ. މިސްރިގެ ދިފާއީ ބާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ދުވަހު އެއްވުމަށް ގޮވާލާފައިވާ އާންމުން އެއްވެ އުޅޭ ސަރަހައްދުތައް ބަންދު ކުރުމަށެވެ.

މިއަދު ހައްޔަރު ކުރި މީހުންގެ އިތުރުން މި މަހުގެ ކުރީ ކޮޅު ވެސް ވަނީ ފޭސްބުކާއި ޓްވިޓާގައި މުޒާހަރާއަށް ނުކުތުމަށް ގޮވާލި ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.

މިހާރު މިސްރުގައި ވެރިކަން ކުރައްވަމުން ގެންދަވާ އަބްދުލްފައްތާހު އަލްސީސީ ވަނީ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް މަގުފަހިވާގޮތަށް ވާހަކަދައްކާ ކޮންމެ މީހަކު ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާގޮތަށް ގާނޫނު އިސްލާހު ކޮށްފަ އެވެ.