15 Jan 2016, 20:57
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ޙުސައިން ޒަކީ އެމްޑީޕީއަށް ކޮށްދެއްވާފައިވާ ސިޔާސީ މަސައްކަތްތަކުގެ އަގު އެމްޑީޕީން ވަޒަންކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޒަކީ އެޕާޓީން ވަކިވެވަޑައިގެންފައިވާއިރު، އޭނާ އެމްޑީޕީއަށް ކޮށްދެއްވާފައިވާ އިޚްލާސްތެރި މަސައްކަތްތަކުގެ އަގުވަޒަންކޮށް އޭނާ އަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޒަކީ ވަނީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްކޮށްދެއްވާ ދައުލަތުގެ ވަރަށް މަތީ މަޤާމުތަކެއް ފުރުވުމުގެ އިތުރުން ސާކް ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައި ކަމަށް އެމްޑީޕީން ބުންޏެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމް ގާއިމު ކުރެއްވުމުގެ މުހިއްމު މަސައްކަތްތަކެއް ކުރައްވައި އެމްޑީޕީގެ ނައިބު ރައީސް ކަމާއި އެ ޕާޓީގެ ވަގުތީ ރައީސްކަން ކުރައްވާފައި ކަމަށް ވެސް އެޕާޓީން ބުންޏެވެ.
"އޮނަރަބަލް އިބްރާހިމް ޙުސެން ޒަކީ އެމް.ޑީ.ޕީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކަށް މިޕާޓީގެ ލީޑާޝިޕުގެ ނަމުގައާއި މިޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.