16 Jan 2016, 09:07
ކުށްކުރުން ގިނަ މެކްސިކޯގެ ދެކުނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގޭންގަކުން ވަގަށް ނަގާފައިވާ 21 މީހަކު ދިރިތިއްބައި ފެނިއްޖެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
އެ މީހުން ފެނިފައި ވަނީ މެކްސިކޯގެ ގުރޭރޯ ސްޓޭޓްގެ އާޗެލިއާ މުނިސިޕަލްޓީ ކައިރިންނެވެ. އަދި ފައިމަގުގައި ދުރު ރާސްތާއަކަށް ހިނގާފައި ތިބުމުގެ ސަބަބުން އެމީހުންގެ ފައިތައް ޒަހަމްވެފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
"އެމީހުން ދިރިއެބަ ތިބި އެކަމަކު ތިބީ ވަރުބަލިވެފައި. އެމީހުންގެ ފައިތައް ވަނީ ޒަހަމްވެފައި. އެކަމަކު އެމީހުންގެ ހާލު ރަނގަޅު،" ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ގުރޭރޯގެ ގަވަރުނަރު ވިދާޅުވެފައިވެ އެވެ.
ސަލާމަތްކުރި އެންމެން ވެސް ވަނީ އެމީހުން ވަގަށް ނެގި މައްސަލަ ތަހުގީގު ކުރުމަށްޓަކާ ޕްރޮސިކިއުޓަރަށް ބަޔާން ދީފަ އެވެ.
އޮފިޝަލުން ބުނާ ގޮތުން، އިއްޔެ ސަލާމަތްކުރި މީހުންގެ ތެރޭގައި ހަތިޔާރު އެޅި ބަޔަކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަގަށް ނެގި 16 މީހަކާއި ފަސް ޓީޗަރުން ހިމެނެ އެވެ.
އެގޮތުން ސަލާމަތްކުރި 16 މީހުންނަކީ ކައިވެނި ހަފްލާއަކަށް ކާރުތަކެއްގައި ދަނިކޮށް ވަގަށް ނެގި ބައެއް ކަމަށާއި އެމީހުން ވަގަށް ނެގުމުގެ ތެރޭގައި ދެ މީހަކު މަރާލާފައިވާ ކަމަށް ވެސް ސެކިއުރިޓީ އޮފިޝަލުން ބުނެފައިވެ އެވެ.
ސްކޫލެއްގައި ކިޔަވައިދެމުން ދިޔަ ފަސް ޓީޗަރުން ވަގަށް ގެންގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެމީހުން ކިޔަވައިދޭ ސްކޫލަށް ހަތިޔާރު އެޅި ބަޔަކު ވަދެ އެވެ.
އެކިކަހަލަ ކުށްތަކާއި ވަގަށް ނެގުމުގެ މައްސަލަތައް އިތުރު ގުރޭރޯގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގެއްލުނު 43 ދަރިވަރުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އެކުދިންނަށް ވީނުވީއެއް އަދި ހޯދިފައިނުވާ އިރު، ގިނަ ބަޔަކު ބުނާ ގޮތުން އެކުދިން ވަނީ އިހާނެތިކޮށް މަރާލައިފަ އެވެ.
މައުލޫމާތު: އޭއެފްޕީ/ ޔާހޫ