އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ރޭ ފަރުވާންދޭން ފަށާފައިވާ ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ހާލުކޮޅު މިހާރު ރަނގަޅުކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން ވިދާޅުވީ، ނިހާންގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

"އެބޭފުޅާ ސްޓޭބަލް ކޮންޑިޝަނެއްގައި، ދެން އަޅުގަނޑަށް އެބޭފުޅާގެ މެޑިކަލް އިންފޮމޭޝަނެއް އެއްވެސް ފަރާތަކަށް ދިނުމުގެ އިހްތިޔާރު ލިބިގެން ނުވޭ،" އައްފާލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބުު ލީޑަރު ރިޔާޒު ރަޝީދު ރޭ ސަން ވިދާޅުވީ، ނިހާން އޭޑީކޭއަށް ގެނައީ އިއްޔެ ހުކުރުން ފައިބައިގެން އައިތަނުން އޭނާގެ ބަޑަށް ތަދެއް އަރައިގެން ކަމަށެވެ.

ނިހާންގެ ސިއްހީ ހާލަތާގުޅޭ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.