16 Jan 2016, 23:21
އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް އެޓް ދަ ފޮރިން އެންޑް ކޮމަންވެލްތު އޮފީސް، ހޫގޯ ސްވަޔާ މިއަދު ރާއްޖެ ކުރައްވަން ހަމަޖެހިފައިވާ ދަތުރު މާދަމައަށް ފަސްކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ސަންއަށް ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ސްރީ ލަންކާގައި ހުންނެވި ހޫގޯ ސްވަޔާ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ފަސްކުރެއްވި ވަކި ސަބަބެއް ހާމަ ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް މާދަމާ ވަރަށް ހެނދުނު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހޫގޯ ރާއްޖެއަށް ކުރަށްވާ ދަތުރުފުޅުގެ ބޭނުން، ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅާ ބެހޭގޮތުން ފޮރިން މިނިސްޓްރީން ޓްވީޓް ކުރިތާ ގާތްގަނޑަކަށް 3 ވަރަކަށް ގަޑިއިރު ފަހުން އެ މިނިސްޓްރީން ވަނީ، 13 އަހަރު ދުވަހުގެ ޖަލުހުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވާކަން އިއުލާނުކުރައްވައިފައެވެ.
"މާދަމާ ވަރަށް ހެނދުނުގެ ވަގުތެއްގައި ހޫގޯ ސްވަޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ. ދެން އެދަތުރުފުޅުގައި މަޝްވަރާކުރެވޭ ކަންތައްތަކާއި އެހެނިހެން މައުލޫމާތު އަޅުގަނޑުމެން ހިއްސާކުރަމުން ގެންދާނަން،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.