18 Jan 2016, 09:26
މިދިޔަ އަހަރުއްސުރެ ބޮލީވުޑްގެ ތަރި ރިތިކު ރޯޝަން އެންމެ ބުރަށް ކުރަމުން އަންނަ އެއް މަސައްކަތަކީ އަޝޫތޯޝް ގޮވަރިކާގެ "މޮހެންޖޯ ދާރޯ" އަށް ޝޫޓު ކުރުމުގެ މަސައްކަތެެވެ.
މިއަދާ ހަމައަށް އައި އިރުވެސް "މޮހެންޖޯ ދާރޯ"ގެ މަސައްކަތްތައް ނުނިމުމުގެ ސަބަބުން ރިތިކު އަންނަނީ އެ ފިލްމުގެ މަންޒަރުތައް ނެގުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އެންމެފަހުން އެ ފިލްމުގެ މަސައްކަތުގައި އުޅުމުގެ ތެރެއިން އޭނާ އަށް ވަނީ އަނިޔާވެ ހަތަރު ހަފްތާ ވަންދެން ބެޑު ރެސްޓު ވެސް ކުރަން ޖެހިފަ އެވެ.
ރިތިކު އަށް ބެޑު ރެސްޓު ކުރަން ޖެހުނީ، ފިލްމުގެ މަންޒަރެއް ނަގަން އުޅުމުގެ ތެރެއިން ވެއްޓި ފަޔާއި ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.
ކޮންމެ އަކަސް "މޮހެންޖޯ ދާރޯ"ގެ ޝޫޓިންގުތައް ލަސްކުރަން އެ ފިލްމުގެ ޑައިރެކްޓަރަށް މިހާރު އެ ވަނީ މަޖުބޫރު ވެފަ އެވެ. މީގެ ކުރިން ވެސް ރިތިކުގެ ކޮނޑަށް ލިބުނު އަނިޔާ އަކާ ގުޅިގެން އެ ފިލްމުގެ ޝޫޓިންގުތައް ލަސްކުރަން ޖެހުނެވެ.
"މޮހެންޖޯ ދާރޯ"ގެ މަސައްކަތަށް މިދިޔަ އަހަރު ރިތިކު އެއްކޮށް ހުސްވެ ހުރުމުގެ ސަބަބުން އޭނާ އަށް އިތުރު އެހެން ފިލްމެއް ކުޅުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.
އެހެންކަމުން މި އަހަރު އެއް ފިލްމަށް ވުރެ ގިނަ ފިލްމު ކުޅޭނެ ކަމަށް ރިތިކު ވަނީ ދާދީފަހުން ބުނެފަ އެވެ.
މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ