ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒީޓީވީގެ ޑުރާމާ "ގުބޫލް ހޭ"މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮން އެއާ ކުރުން ހުއްޓާލަން ނިންމައިފި އެވެ.

ދެހާސް ބާރަ ވަނަ އަހަރު ޒީޓީވީ އިން ދައްކަން ފެށި "ޤުބޫލް ހޭ" އަކީ މުސްލިމު ކޮމިއުނިޓީ އެއްގައި ދިރިއުޅޭ މުސްލިމު އާއިލާތަކެއްގެ މެދުގައި ހިނގާ ލޯބީގެ، އަދި ހިތާމަވެރި ކަންތައްތަކެއް ދައްކުވައިދޭ ޑުރާމާއެކެވެ.

އެ ޑުރާމާ ފެށުނީއްސުރެ ބަތަލާއެއްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ސުރްބީ ޖުޔޯތީ އެވެ. އެހެންނަމަވެސް ބަތަލުން ވަނީ އެކި ފަހަރުމަތިން ބަދަލު ވެފަ އެވެ.

އެގޮތުން 2012 ވަނަ އަހަރު "ޤުބޫލް ހޭ " ދައްކަން ފެށި އިރު ބަތަލުގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ކަރަން ސިންގު ގުރޯވަރެވެ. އެއަށް ފަހު ކަނަރަންވީރު ބޯރާ، ވިކްރަންތު މަސީ، ރާކޭޝް ވަޝިސްތު ފަދަ ގިނަ ތަރިންތަކެއް އެ ޑުރާމާގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވެ އެވެ.

ފަސް އަހަރުވަންދެން ޑުރާމާގައި ހަރަކާތްތެރިވި ސުރްބީ ޖުޔޯތީ ބުނީ، އޭނާ އެ ޑުރާމާގެ ޝޫޓިންގުތައް މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ. އަދި އޭނާ ބެލުންތެރިންގެ ފަރާތުން ލިބުނު ލޮއެއްބާއި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވެސް ސުރްބީ ބުންޏެވެ.

"އަހަރެންގެ ހުރިހާ ކޯ ސްޓާސް މަތިން ވަރަށް ހަނދާންވާނެ. ހަނައެހެންމެ ސެޓުން އަހަންނަށް ލިބުނު ރައްޓެހިން މަތިންވެސް ވަރަށް ހަނދާން ވާނެ. އަހަރެން މުސްތަގުބަލުގައި ކޮންމެ ރޯލެއް ކުޅުނަސް އަބަދުވެސް ޤުބޫލް ހޭ މަތިން ހަނދާން ހުންނާނެ"، ސުރްބީ ބުންޏެވެ.

ޒީ ޓީވީގެ ބިޒްނަސް ހެޑު ޕްރަދީޕު ބުނީ، ޤުބޫލް ހޭގައި ވަރަށް ތަފާތު ސަބް ޕްލޮޓުސް ތަކެއް ބެލުންތެރިންނާ ހަމައަށް ގެނެވިއްޖެ ކަމަށާއި، އެހެންކަމުން އާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އާ ޑުރާމާއެއް ދެއްކުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.

މައުލޫމާތު: ދަ އިންޑިއަން އެކްސްޕްރެސް