19 Jan 2016, 09:43
ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އަނެއްކާ ވެސް ފަރުވާދިނުމަށް އައިސީޔޫއަށް ބަދަލުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު އޭޑީކޭ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު ނިހާން ވަނީ ކޮޓަރިއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އިއްޔެ އެވަނީ އަނެއްކާ ވެސް ނިހާން އައިސީޔޫއަށް ބަދަލުކޮށްފަ އެވެ. ނިހާންއަށް ފަރުވާ ދެމުންދަނީ ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާތީ އެވެ.
ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ނިހާން އިއްޔެ އައިސީޔޫއަށް ބަދަލުކޮށްފައި ވަނީ އަރާމް ކުރަން ވަގުތު ދިނުމަށް ކަމަށެވެ. ނިހާންގެ ހާލު ކުރިއާ އަޅާބަލާ އިރު މިހާރު ރަނގަޅުކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ބައިވަރު މީހުންގޮސް ބައްދަލުކުރުމާއި މިކަންކަން ހިނގާތީވެ އޭނާ އަކަށް ރެސްޓެއް ނުކުރެވޭ.. އެހެންވެ އޭނާ ބޮޑަށް ރެސްޓްކުރަން ޑޮކްޓަރުން ފެންނާތީ އައިސީޔޫއަށް ބަދަލުކުރީ." ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ނިހާންއަށް އިތުރު ފަރުވާ ދިނުމަށް މިރޭ ނުވަތަ މާދަމާ ރާއްޖެ އިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.