20 Jan 2016, 10:55
ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ ނިހާން އިތުރު ފަރުވާއަށް މިއަދު ޗެންނާއީއަށް ގެންގޮސްފައިވާ ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާނުގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު އޭޑީކޭ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު ނިހާން ވަނީ ކޮޓަރިއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އަނެއްކާވެސް ނިހާން ވަނީ އައިސީޔޫއަށް ބަދަލުކޮށްފަ އެވެ. ނިހާނަށް ފަރުވާ ދެމުންދަނީ ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވެފައި ވާތީ އެވެ.