20 Jan 2016, 14:30
ފޮރިން މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާ ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީ ހިންގެވުން ޑރ. ޝައިނީއާ ހަވާލު ކުރެއްވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މިއަދު ފުރައިވަޑައިގަތުމާ ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ޖިއްދާގައި ބާއްވަނީ އޯއިސީގެ ފޮރިން މިނިސްޓަރުންގެ ހާއްސަ ބައްދަލުވުމެއް ކަމަށާއި އެއީ މައިގަނޑު ދެކަމަކާ މަޝްވަރާ ކުރެއްވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ހާއްސަ ބައްދަލުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާއާ އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ކަމަށެވެ.
"...ދިވެހި ރާއްޖެއަކީ ހަމަ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަބަދު ވެސް ވަކާލާތުކޮށް ވާހަކަ ދައްކަމުންދާ ގައުމެއް. އެގޮތުން މިކަހަލަ މުހިއްމު މައްސަލައެއްގައި މަޝްވަރާ ކުރާ މޭޒުކައިރީގައި އަޅުގަނޑުމެން ތިބުމަކީ މުހިއްމު ކަމަކަށް ވާތީ ރައީސުލްޖުމްހޫރިއްޔާގެ އެދުންފުޅެއް ދިވެހިރާއްޖޭން، އަޅުގަނޑުމެން ދިވެހިރާއްޖެ ތަމްސީލުކުރުމަކީ،" ޖިއްދާއަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ދުންޔާ އިއްޔެ ވިދާޅުވި އެވެ.