20 Jan 2016, 22:56
ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ދެ ބޭހަކާއި އިންޖެކްޝަނެއް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި އެސެންޝިއަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން އާއްމުކޮށް ބޭނުން ކުރާ ބޭސް ރެންޑަމްކޮށް ނަގާ ޓެސްޓު ކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
އެމްއެފްޑީއޭ އިން ބޭނުން ނުކުރަން އަންގާފައިވާ ބޭސްތައް
Azileb-250, 250 mg, batch no. T-524
- L-Trim DS, 800 mg + 160 mg, batch no. T-4853
- Azeet-500, 500 mg, batch no. AZFT1402
"މިކަން އިތުރަށް ބަލައި އިންވެސްޓިގޭޓްކޮށް ވަކި ގޮތަކަށް ނިމެންދެން ދެންނެވިފައިވާ ބްރޭންޑުތަކުގެ އިތުރު ސްޓްރެންތުތަކާއި އެއްވެސް ޑޮޒޭޖް ފޯމެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއްކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ،" އެމްއެފްޑީއޭގެ އިއުލާނުގައި ވެ އެވެ.
އެމްއެފްޑީއޭ އިން ބޭނުން ނުކުރަން އަންގާފައިވާ އިންޖެކްޝަން
"Hycimax Injection 20 mg/ml
އެ އޮތޯރީޓިގެ އިއުލާނުގައި ބުނީ އިންޑިއާގެ އެކްމޭ ލައިފްސައިންސް އިން އުފައްދާ އިންޖެކްޝަން ގުޅޭގޮތުން އެ އޮތޯރިޓީއަށް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި އެ އޮތޯރިޓީއިން އެކަން ބެލި ބެލުމުގައި އާއްމު ސިއްހަތަށް ގެއްލުންވާ ފަދަ ކަންކަން އެ އިންޖެކްޝަނުގައި ހުރި ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.