21 Jan 2016, 21:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގައިގަތުމުގެ މަގުމަތީގައި ސްރީ ލަންކާގައި މަޑުކުރެއްވި ވަގުތުކޮޅުގައި، ލަންކާގެ ސިޔާސީ އެއްވެސް ލީޑަރަކު އެމަނިކުފާނާ ބައްދަލުކުރައްވާފައި ނުވާކަމަށް އެގައުމުގެ ޚާރިޖިއްޔާ އިން ބުނެފި އެވެ.
ލަންކާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކާ ހަވާލާދީ، އެގައުމުގެ ނޫހެއްކަމަށްވާ ކޮލަމްބޯ ގެޒެޓުން ބުނީ، ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ޓްރާންސިޓް ހެއްދެވުމަށް ކޮލަމްބޯގައި މަޑުކުރެއްވި މަޑުކުރެއްވުމުގައި އެގައުމުގެ ސަރުކާރުގެ ބައެެއް ބޭފުޅުންނާ ބައްދަލުކުރެއްވި ވާހަކަތަކެއް ފެތުރިފައިވީ ނަމަވެސް އެފަދަ އެއްވެސް ލީޑަރަކު އެމަނިކުފާނާ ބައްދަލުކުރައްވާފައި ނުވާ ކަމަށެވެ.
"ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮލަމްބޯގައި މަޑުކުރެއްވީ ހަމައެކަނި އެމަނިކުފާނުގެ ދަތުރުފުޅުގައި ޓްރާންސިޓް ހެއްދެވުމަށް. އަދި އެ މަޑުކުރެއްވުމުގައި ސްރީ ލަންކާގެ އެއްވެސް ސިޔާސީ ލީޑަރަކާ އެމަނިކުފާނު ބައްދަލެއް ނުކުރައްވާ،" ސްރީ ލަންކާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަހިޝިނީ ކޮލެނީ ކޮލަމްބޯ ގެޒެޓަށް ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ނަޝީދު ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނައާ ބައްދަލުކުރެއްވި ކަމަށްބުނެ، ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް ފަރާތްތަކުންނާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ޚަބަރުތައް ފަތުރައިފަ އެވެ.
އެ ދޮގު ޚަބަރުތައް ސޯޝަލް މީޑިއާގައި ފެތުރި ފަރާތްތަކުން ވަނީ، ރައީސް ނަޝީދު ލަންކާގައި ޓްރާންސިޓް ކުރައްވަން އެއާޕޯޓްގައި ހުންނަވަނިކޮށް، ލަންކާގެ ރައީސް ސިރިސޭނާ އެރޭގެ ދަންވަރު އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ކަމަށް ބުނެ، ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އެހެން ނަމަވެސް އެ ފޮޓޯއަކީ، ސިރިސޭނާ ލަންކާގެ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ރައީސް ނަޝީދާއި ސިރިސޭނައާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ފޮޓޯއެކެވެ.

ސްރީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯ. މިއީ ސިރިސޭނާ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން 2015 ވަނަ އަހަރު، ރައީސް ނަޝީދު ކުރެއްވި ޒިޔާރަތެއްގައި ނަންގަވާފައިވާ ފޮޓޯއެއް --
ރައީސް ނަޝީދު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޯމަދުވަހުގެ ރެ އެވެ. އެދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ލަންކާގައި ތިއްބެވި ބޭރުގައުމުތަކުގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އޮފިޝަލުންގެ ތެރޭގައި ނޯވޭ، އިނގިރޭސި ވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޓަލީއާއި ފްރާންސާއި ސްވިޒަލެންޑުގެ އިތުރުން ޖަރުމަނު އަދި އީޔޫގެ އޮފިޝަލުން ވެސް ހިމެނެ އެވެ.
މައިބަދައިގެ އޮޕަރޭޝަނަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ދިވެހިސަރުކާރުން ހުއްދަދީފައި ވަނީ، 30 ދުވަހުގެ މުއްދަތަކަށެވެ.
ބޭސްފަރުވާއަށް ފުރާވަޑައިގަތުމުގެ ކުރިން، ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވަނީ ސަރުކާރުން އެދުނު ގޮތުގެ މަތީން ކަރެކްޝަނަލް ސާވިސް އިން އެންގި ލިޔުންތަކުގައި ސޮއިކުރައްވާފައެވެ. އެއީ ގައިދީއަކު ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކެކެވެ.