22 Jan 2016, 09:39
މާލެ އާއި ހުޅުމާލެއާ ދޭތެރޭ އަޅަން ނިންމާފައިވާ ބްރިޖުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ލިބިގެންދާނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ކޯލިޝަންގެ ފަރާތުން "އުއްމީދީ 16" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، މާލެ އާއި ހުޅުމާލެ އާ ދޭތެރޭގައި އަޅަން ނިންމާފައިވާ "ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ރާއްޖޭގެ ނާރެހުގައި އަދި ތާރީޚުން ވެސް ފަނޑުވެގެންދާނެ އެއްޗެއް ނޫން ކަމަށެވެ.
"ބްރިޖުގެ މަސައްކަތަކީ ވަރަށް ބޮޑު އިގްތިސާދެއް. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިސާ އިތުރުވެގެންދާނެ،" އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.
ސިޔާމްގެ ވާހަކަފުޅުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީ ތަކާއި ރާއްޖެއަށް ގެނެސްފައިވާ ތަރައްގީތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ސިޔާމް ވިދާޅުވީ، ރާއްޖެއަކީ ދެ އަހަރުގެ ތެރޭގައި ގައުމެއްގެ ރިޒާވް ދެ ގުނަ ބޮޑުކުރި ދުނިޔޭގައި އޮތް ހަމައެކަނި ގައުމު ކަމަށާއި ގައުމެއްގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި އޮންނާނެ އެއްޗަކީ އެ ގައުމެއްގެ ރިޒާވް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"ކޮން ގައުމަކުންތޯ އޮތީ ދެ އަހަރުގެ ތެރޭގައި ގައުމެއްގެ އޮތް ރިޒާވް ޑަބަލްކޮށްފައި. އެއްވެސް ގައުމެއް ނެތް. މުޅި ދުނިޔޭގައި ވެސް ނެތް.. މިނިކަން ބޭނުންވާނަމަ ބޭނުންވަނީ ބޮޑު ރިޒާވެއް. އެ ރިޒާވް މި ފަސް އަހަރު ނިމޭއިރު ޑަބަލް އިތުރުވެގެންދާނެ ކަމަށް އަޅުނގަޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ސަރުކާރުގެ ފަސް އަހަރު ނިމޭއިރުގައި ހަތް މިލިއަން ޓުރައިސްޓުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ތަނަކަށް ރާއްޖޭގެ މައި އެއާޕޯޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ދުވަހަކު ވެސް ނުދެކޭހާ ބޮޑު އުފާވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން ފަތުރުވެރިކަމުގެ ގޮތުގައި ތަރައްގީކުރަން އެކި ފަރާތްތަކާ ހަވާލުކުރި ރަށްތަކާއި ގެސްޓްހައުސްތައް ނުހެދި އޮތުމުގެ ސަބަބުން ފަތުރުވެރިކަން ވަޅުޖެހުނު ކަމަށާއި، ނަމަވެސް މި ސަރުކާރު އައުމާއެކު އެ މަސައްކަތްތައް އަލުން ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު އަޅުނގަޑުމެންގެ ހިކުމަތްތެރި ރައީސުލްޖުމްހޫރިއްޔާ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ރާއްޖޭގައި ނުހެދި އޮތް ހުރިހާ ރިސޯޓްތަކެއް އެއްފަހަރާ. އާދެ މިހާރުވެސް 30 ވަރަކަށް ރިސޯޓް ހެދަމުންއެބަދޭ. ގާތްގަނޑަކަށް 50 ވަރަކަށް ގެސްޓް ހައުސް ހަދަމުން އެބަދޭ. އެތައް ބިލްޑިން ތަކެއް ހަދަމުންއެބަދޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ، ޕީޕީއެމް އާއި އެމްޑީއޭ އަބަދު ވެސް އޮންނާނީ އެކުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ޕާޓީ ބަލިކޮށް ވެރިކަން ކުރެވޭނެ އެކަކުވެސް ރާއްޖޭގައި ނުހުންނާނެ ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް ދައްކާނެ ކަމަށެވެ.