24 Jan 2016, 10:39
ސްޕެނިޝް ލީގްގައި ބާސެލޯނާ އާއި މަލާގާ ކުޅުނު މެޗުގައި ލިއޮނަލް މެސީ ކާމިޔާބު ކުރި ގޯލާއި އެކު 2-1 ގެ ނަތީޖާ އަކުން ބާސާ މޮޅުވެ ލީގު ތާވަލުގެ އެއް ވަނަ އަށް އެޓީމު ޖެހިލަފިއެވެ.
އެ މޮޅާއެކު ލީގުގައި ބާސާ ކުޅުނު 20 މެޗުން 48 ޕޮއިންޓް ލިބިގެން އެއްވަނައިގައި އޮތް އިރު ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 47 ޕޮއިންޓާ އެކުއެވެ. ނަމަވެސް އެތުލެޓިކޯ މިރޭ ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރުމުގު ފުރުސަތު އޮންނާނެ އެވެ. ރޭ ބާސާ އަތުން ބަލިވި މަލާގާ އޮތީ 24 ޕޮއިންޓާއެކީ ލީގުގެ 12 ވަނައިގައެވެ.

ސްޕެނިޝް ލީގްގައި ބާސެލޯނާ އާއި މަލާގާ ކުޅުނު މެޗުގައި ބަސާގެ ފުރަތަމަ ގޯލު މުނީރު ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
ރަށުން ބޭރުގައި ބާސާ އިން ކުޅުނު އެ މެޗު ފެށިގެން ދެވަނަ މިނެޓްގައި ޒުވާން ފޯވާޑް މުނީރު އަލްހަދީދީގެ ގޯލުން އެ ޓީމަށް ވަނީ ލީޑް ނަގާދީފައެވެ. މުނީރު އެ ގޯލު ކާމިޔާބް ކުރީ ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.
ބާސާގެ އެ ގޯލާއި އެކު މަލާގާއިން ދިޔައީ އެ މީހުންގެ ކުޅުން ރަނގަޅުކޮށް ބާސާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި މަލާގާގެ ހުއާންޕީ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ފުރަތަމަ ހާފް 1-1ގެ ނަތީޖާއެއްގައި އޮވެ ނިމުނު އިރު އެ މެޗުން ބާސާ އަށް ތިން ޕޮއިންޓް ކަށަވަރު ކޮށް ދިން ގޯލު މެސީ ކާމިޔާބުކުރީ އެޑްރިއާނޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ސްޕެނިޝް ލީގްގައި ބާސެލޯނާ އާއި މަލާގާ ކުޅުނު މެޗުގައި ބަސާގެ ސުއަރޭޒް އަތުން ބޯޅަ ހޯދުމަށް މަލާގާގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ
މެޗަށްފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި އެހެން ނަމަވެސް އޭނާގެ ޓީމުގެ ފަރާތުން ފުރަތަމަ ހާފްގައި ފެނުނީ ވަރަށް ދަށް ކުޅެމެއް ކަމަށެވެ.
"ފުރަތަމަ ހާފްގައި ފެނުނު ކުޅުމާއި މެދު ހިތް ހަމައެއް ނުޖެހޭ. ނަމަވެސް ދެވަނަ ހާފްގައި އަހަރެންގެ ޓީމުން ވަނީ އެ މީހުންގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވެސް އުފައްދާފައި،" އެންރިކޭ ބުންޏެވެ.