26 Jan 2016, 09:53
ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީގެ ގޯލު ކީޕަރު ޖިއަންލުއިޖީ ބުފޮން ކުޅުން ހުއްޓާލާނީ 2018 ވަނަ އަހަރު އޮންނަ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށް އޭނާ ބުނެފިއެވެ.
އިޓަލީގެ ވޭތުވެދިޔަ އަހަރުގެ އެންމެ ކާމިޔާބު ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ހާސިލް ކުރުމަށް ފަހު އުމުރުން 37 އަހަރުގެ ބުފޮން ބުނީ، އޭނާ މަސަތްކަތް ކުރަމުން އަންނަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ހޯދުމަށް ކަމަށާއި އެ މުބާރާތަށް ފަހު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ.
"އަހަރެންގެ އަމާޒު ހުރީ ކުރިއަށް އޮތް ވޯލްޑްކަޕަށް ނަގާ އިޓަލީ ޓީމުން ޖާގައެއް ހޯދުން. އެއަށް ފަހު އެ މުބާރާތް ނިމުމުން އަހަރެން ވިސްނަމުން މި އަންނަނީ ރިޓަޔާ ކުރަން،" ބުޕޮން ބުންޏެވެ.
ބުފޮން ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އިން ކާމިޔާބް ކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށް ހުޝިޔާރު ކަމާއި އެކު އިޓަލީގެ ގޯލު ބަލަހައްޓާފައެވެ. އަދި ޔުވެންޓަސްއާ އެކު ހަ ފަހަރު އިޓާލިއަން ލީގު ވެސް ވަނީ ކާމިޔާބް ކޮށްފައެވެ.
ފީފާއިން ހޮވި މިދިޔަ އަހަރުގެ ދުނިޔޭގެ ޑްރީމް ޓީމަށް ވާދަކުރި އެންމެ މޮޅު ތިން ކީޕަރުންގެ ތެރޭގައި އޭނާ ހިމެނިފައި ނުވާތީ ބުފޮން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އެ މަގާމަށް ޝޯޓްލިސްޓް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
"އަހަރެން ގަބޫލުކުރަނީ އެ މަގާމަށް އަހަރެންގެ ނަން އޮންނަންވާނެ ކަމަށް. އަހަރެންނަށް ވެސް އިނގޭ އެ މަގާމު އަހަރެންނަށް ނުލިބޭނެ ކަން. ލިބިއްޖެ ނަމަ ވާނީ ވަރަށް ބޮޑު ސަޕްރައިސް އަކަށް،" ބުފޮން ބުންޏެވެ.
ބުފޮން ކުޅެމުން އަންނަ ޔުވެންޓަސް އިޓަލީ ލީގްގެ ދެވަނައިގައި 45 ޕޮއިންޓާއި އެކު އޮތް އިރު އެ ޓީމް އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ވަނީ ކާމިޔާބް ކޮށްފައެވެ. އަދި ބައިކޮޅަށް އެންމެ ހަ ގޯލު ވަން އިރު ބުފޮން އަންނަނީ ހުޝިޔާރު ކަމާއި އެކު ޔުވެންޓަސް އެ ރިކޯޑް ދެމެހެއްޓުމުގައި އެހީތެރި ވަމުންނެވެ.