ތިރީސް ތިން އަހަރުވެފައިވާ ނޫޓުތަކުގެ ބަދަލުގައި އާ ފައިސާ ނޫޓުތަކެއް ނެރެ މިއަދު އެވަނީ ބޭނުން ކުރަން ފަށައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެނޫޓުތައް ދައުރުކުރުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމުން، އެނޫޓުތައް ބޭނުން ކޮށްގެން ފުރަތަމަ ފަހަރަށް މިއަދު ހެނދުނު މިވަނީ ވިޔަފާރިކޮށްފައެވެ. އާ ނޫޓު ބޭނުންކޮށްގެން ފުރަތަމަ ވިޔަފާރިކޮށްފައިވަނީ ދަތުރުވެރިންގެ މާރުކޭޓުގައެވެ. ފުރަތަމަ ގަނެފައިވަނީ ދޮން ފަޅޮލެކެވެ.

އަށް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ދަތުރުވެރިންގެ މާރުކޭޓުގެ 25 ނަމްބަރު ގޮޅީގައި ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ހއ. ކެލާ އަބްދުﷲ ހަލީލް، 52، ވެފައިމިވަނީ އާނޫޓު އެންމެ ފުރަތަމަ ލިބުނު ވިޔަފާރިވެރިޔާއަށެވެ. އޭނާގެ އަތުން އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ގަނެފައިވަނީ 53 ރުފިޔާދީފައި ދޮން ފަޅޮލެކެވެ. މީރު ދޮންފަޅޮލެކެވެ. ވިޔަފާރީގެ އެ މުއާމަލާތުގައި ބޭނުންކުރީ 100 ރުފިޔާގެ ނޫޓެކެވެ.

އާ ނޫޓުން ވިޔަފާރި ކުރި ވިޔަފާރިވެރިޔާ ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ

އާ ނޫޓު ފުރަތަމަ ލިބުނު ވިޔަފާރިވެރިޔާގެ ޝަރަފު ލިބުނު ހަލީލް ހުރީ އެޝަރަފަށް ވަރަށް ފަހުރުވެރިވެފައެވެ. އެކަމާ އޭނާ އުފާކުރެއެވެ. ހަލީލުގެ އުންމީދަކީ އާ ނޫޓުތަކަކީ ކުރިން ބޭނުންކުރި ނޫޓުތަކަށްވުރެ "އެޑްވާންސްް" ނޫޓުތަކަކަށް ވެގެންދާނެ ކަމުގެ އުންމީދެވެ.

"ކުރީގެ ފައިސާއިން ދަތިކަމެއް ފާގަފަވާކަށް ނެތް، ނަމަވެސް އުންމީދަކީ އެމްއެމްއޭގެ ދިރާސާއަށްފަހު އާ ނޫޓުތަކަކީ "އެޑްވާންސް" ނޫޓުތަކަކަށް ވެގެންދާނެ ކަމަށް،" ހަލީލް ބުންޏެވެ.

އާނޫޓު ފުރަތަމަ ލިބުނު ވިޔަފާރިވެރިޔާ ހަލީލް، އާ ނޫޓުގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ މިހާތަނަށް އާ ނޫޓުތައް ތަޖުރިބާ ކުރެވިފައި ނުވާ ކަމަށާއި އެއްޗެއް ބުނަން އެނގޭނީ ތަޖުރިބާ ކުރުމަށްފަހު ކަމަށެވެ. ހަލީލްގެ އުންމީދަކީ އާ ނޫޓުތަކަކީ ގެންގުޅެން ފަސޭހަ ނޫޓުތަކަކަށް ވެގެންދިއުމެވެ.

ފުރަތަމަ ވިޔަފާރި ކުރި 100 ރުފިޔާގެ ނޫޓު ހަލީލް ދައްކާލަނީ- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ގަވަރުނަރު މިއަދު ފަޅޯ ގަންނަން ދިޔަ ހަލީލުގެ ގޮޅިއަކީ ގަވަރުނަރު އާންމުކޮށް ވިޔަފާރި ކޮށް އުޅޭ ގޮޅިއެކެވެ. ގަވަރުނަރު އަޒީމާ ވިދާޅުވިގޮތުގައި ދަތުރުވެރިންގެ މާރުކޭޓުން އާ ފައިސާގެ ފުރަތަމަ މުއާމަލާތް ކުރަން ލިބުމަކީ ވަރަށްވެސް ބޮޑު އުފަލެކެވެ.

އެމްއެމްއޭއިން އާ ފައިސާގެ ނޫޓުތައް މާކެޓަށް ނެރެ ބޭނުން ކުރަން ފަށާފައިވާއިރު މިއަދު މެންދުރެއްހާއިރުން ފެށިގެން ބެންކްތަކުގެ އޭޓީއެމްތަކުންވެސް ލިބިގެންދާނީ އަލަށް ނެރުނު ނޫޓުތައް ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

މިއަދު ބޭނުން ކުރަން ފަށާފައިވާ ހަ ނޫޓަކީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހި ވަންތަކަން ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ނޫޓުތަކެކެވެ. ހަމަ އެހެންމެ މި ނޫޓްތަކަކީ އެންމެ ޒަމާނީ އެއް ކަރުދާސް ކަމަށްވާ ޕޮލިމާ ކަރުދާހަށް ޕްރިންޓުކޮށްފައިވާ ނޫޓުތަކެކެވެ. އެ ނޫޓުތަކުގެ ސައިޒަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ފުރަތަމަ ވިޔަފާރި ކުރި 100 ރުފިޔާގެ ނޫޓު ހަލީލް ދައްކާލަނީ- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

އާ ނޫޓުތައް މިއަދު ބޭނުން ކުރަން ފަށާފައިވާއިރު އަންނަ މޭ މަހުގެ ނިޔަލަށް މިހާރު ގެންގުޅޭ ނޫޓްތަކާއި އަލަށް ނެރޭ ނޫޓުތައް ވެސް ބޭނުން ކުރެވެ އެވެ. މޭމަހަށް ފަހު މިހާރު ގެންގުޅޭ ނޫޓްތައް ބޭނުން ކުރުން ހުއްޓާލައެވެ. ނަމަވެސް ފަސް އަހަރު ވަންދެން ބޭންކަތަކާއި އެމްއެމްއޭ އިން އެ ނޫޓްތައް ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.