ގދ. ތިނަދޫން ކަރަންޓް ކެނޑި ފެން ލިބުމާއި ކަރަންޓު ލިބުމުގައި ދަތިތަކަކާއި ކުރިމަތިވުމުން އެކަންކަމަށް އެހީތެރިވުމުގެ މަސައްކަތް ދިރާގުން ފަށައިފިއެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ސަން އަށް މިއަދު ވިދާޅުވީ، ތިނަދޫގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފޯނުޗާޖް ކޮށްދިނުމުގެ ހިދުމަތާއި ފެން ފޯރުކޮށްދިނުމުގެ ހިދުމަތް ދިރާގުން ފަށާފައިވާ ކަމަށެވެ.

ދިރާގުގެ މުވައްޒަފުން ތިނަދޫގައި ފެންފޯރުކޮށްދިނުމުގެ މަސައްކަތުގައި-- ފޮޓޯ: ދިރާގު

ތިނަދޫގެ މަގުމަތީ ޓެންޓް ޖެހުމަށްފަހު ދިރާގުގެ ކަރަންޓް ބޭނުންކޮށްގެން ދިރާގުން ދަނީ ފޯންޗާޖް ކުރުމަށް އެދޭ ފަރާތްތަކުގެ ފޯން ޗާޖްކޮށްދެމުންނެވެ.

ދިރާގު މުވައްޒަފުން ދަނީ ޕިކަޕުތަކުގައި ނިކުމެ ފެންބެހުމުގެ މަސައްކަތް ކުރަމުންނެވެ. އިމްޖާދު ވިދާޅުވީ، 500 ފެންކޭސް ތިނަދޫއަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފޯން ޗާޖްކޮށްދިނުމާއި ފެން ފޯރުކޮށްދިނުމުގެ އިތުރުން ރައްޔިތުންނަށް އެކިއެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ކަމަށް އިމްޖާދު ވިދާޅުވިއެވެ.

"ދިރާގު މުވައްޒަފުން ރަށުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ އެބޭފުޅުންނަށް ތަފާތު އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަނީ،"އިމްޖާދު ވިދާޅުވިއެވެ.

ތިނަދޫގައި ހުންނަ ދިރާގުގެ ބުރާންޗަށް ބެކަޕު ޕަވަރު ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.

ތިނަދޫ އިންޖީނުގޭގައި ރޭ ދަންވަރު އަލިފާންރޯވެ އަނދާހުލިވެފައިވާއިރު އެރަށުން ކަރަންޓާއި ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. ތިނަދޫއަށް ކަރަންޓް ހިދުމަތް ދިނުމަށް އެކި ރަށްރަށުން ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.