ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަމުންދިޔަ ބ. ވައްކަރަށްދިޔަ އެސްޓީއޯގެ ބޯޓަކުން ދެ ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި 47 އަހަރުގެ މީހާ ދޫކޮށްލާފައި ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ވައްކަރަށް ހިލަ އާއި ހިލަވެލި ހިފައިގެންދިޔަ އެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރީ ޖުމްލަ ދެ މީހުންނެވެ. 47 އަހަރުގެ މީހާ ދޫކޮށްލުމުން މިހާރު އެ މައްސަލައާ ގުޅިގެން ބަންދުގައި ހުރީ 27 އަހަރުގެ މީހާ އެކަންޏެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.