"ސެއިލިން އެރައުންޑް މޯލްޑިވްސް"ގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ތޭވީސް ދުވަހުގެ ތެރޭގައި ރިޔާނެގި ކެޓަމަރާންއެއްގައި ރާއްޖެ ވަށައި ޖެހުމަށް ރޭވިފައިވާ އެ ބުރުގެ ޕާޓްނަރެއްގެ ގޮތުގައި، އެ ހަރަކާތް އިންތިޒާމް ކުރާ އެޓޯލް ސެއިލާ އާ އެކު ދިރާގުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ އެކަމަށް ހާއްސަކުރެވިގެން ދިރާގު ހެޑްއޮފީހުގައި ބޭއްވުނު ހަފްލާއެއްގަ އެވެ.

އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކޮށްފައި ވަނީ ޑިރެކްޓަރު މާކެޓިންގް އަހުމަދު މައުމޫނާއި، މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މުހަންމަދު މިރްޝާން ހަސަނެވެ. އަދި އެޓޯލް ސެއިލާގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިކަންދަރު ނަސްރުﷲ ކަމާލުއްދީނާއި އަބްދުލްޢަފޫރު އަލީ (ގައްބެ) އެވެ.

ރާއްޖެ ވަށާ ދަތުރުކުރާ އަބްދުލްޣަފޫރު އަލީ (ގައްބެ) އަކީ މޫދުގެ އެކި ކުޅިވަރުތަކުގައި ބައިނަލްއަޤްވާމީ ގިނަ މުބާރާތް ތަކެއްގައި ބައިވެރިވެ، ތަފާތު ވަނަތަކެއް ހޯދާފައިވާ ކުޅަދާނަ ޒުވާނެއް ކަމަށް ދިރާގުން ބުންޏެވެ. އަދި އެ ހަރާކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެ، ހަރަކާތް އިންތިޒާމު ކުރާ އެޓޯލް ސެއިލާ އިން ބުނީ މޫދުގެ ކުޅިވަރުތަކަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ އޮޔާއި ވައި ހުންނަ ގޮތުން މަހެއްހާ ދުވަހަށް ދެމިގެން ހިނގައިދާނެ އެ ދަތުރުގައި، ދިރާގުގެ ވެސެލް ޓްރެކިން ސިސްޓަމް ހަރުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ގައްބެއާއި އެކީގައި މީޑިޔާއާ އެކު އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެ ކްރޫ އެއް ދަތުރުކުރާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ހަރަކާތާ ގުޅޭ ގޮތުން ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ މުޅި ރާއްޖޭގައި އަލަށް ކުރެވޭ އެފަދަ ކަމެއްގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އެ ހާއްސަ ހަރަކާތާ ގުޅޭ ގޮތުން ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ، ރާއްޖޭގައި މުޅިން އަލަށް ކުރެވޭ މިފަދަ ކަމެއްގައި ބައިވެރިވުމަކީ ދިރާގަށް ލިބިގެންދާ ވަރަށްބޮޑު އުފަލެކެވެ.

"ދިރާގުގެ ސެޓެލައިޓް ޓްރެކިން ޑިވައިސާއި ސެޓެލައިޓްފޯނުގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ގައްބެއަށް ލިބިގެންދާއިރު އެއީ މިހަރަކާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކެއް،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޑިވައިސްތަކުގެ އެހީގައި ގައްބެ ދަތުރު ކުރާ ރާސްތާ ބެލުންތެރިންނަށް ވަގުތުން ފެނިލުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ އެވެ.

ހަރަކާތް އިންތިޒާމު ކުރާ އެޓޯލް ސެއިލާގެ މެނޭޖިން ޑިރެކްޓަރު ސިކަންދަރު މުހަންމަދު ކަމާލުއްދީން ވިދާޅުވީ، މުޅި ރާއްޖޭގައި އަލަށް ކުރެވޭ އެފަދަ ކަމެއްގައި ޓެލެކޮމް ޕާޓުނަރަކަށް ދިރާގު ހެދުމުގެ އެންމެ ބޮޑު މަގްސަދަކީ 100 ޕަސެންޓް ދިވެހި ބްރޭންޑެއް އެކަމުގައި ޓެލެކޮމް ޕާޓުނަރެއްގެ ގޮތުގައި ބައިވެރި ކުރުވުން ކަމަށެވެ.

އެޓޯލް ސެއިލާއިން ބުނީ އެ ދަތުރުގައި ހަރަކާތްތެރިވާ މީޑިޔާގެ ފަރާތްތަކުން ކޮންމެ ދުވަހަކު ސޯޝަލް މީޑިޔާގައި ދަތުރުގެ ފޮޓޯއާއި ވީޑިޔޯ ހިއްސާކުރަމުންދާއިރު ބައިނަލްއަގުވާމީ މީޑިޔާގެ ސަމާލުކަން ވެސް އެ ކަމަށް ލިބިގެންދާނެ ކަމަށެވެ. އެ ހަރަކާތުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ އިތުރަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތް ކުރުމުގެ ތަފާތު މެސެޖްތައް ޕްރޮމޯޓްކުރާނެ ކަމަށް އެޓޯލް ސެއިލާއިން ބުންޏެވެ.