27 Jan 2016, 14:12
ވީޑިއޯ ކޮންފަރެންސިން ސިސްޓަމް (ވީސީއެސް) ބޭނުންކޮށްގެން ރާއްޖޭގެ ތައުލީމީ ދާއިރާގައި ފުރަތަމަ ފަހަރަށް މަހާސިންތާއެއް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ޓީޗަރ ރިސޯސް ސެންޓަރ (ޓީއާރްސީ) ސެންޓަރު ތަކުގެ ތެރެއިން ވީސީއެސް ގާއިމުކުރެވިފައިވާ 11 ސެންޓަރެއް ގުޅާލެވިގެން ކުރިއަށް ގެންދާ "ޓީއާރުސީ ކޮންފަރެންސް 2016" ފެށުމަށް މިއަދު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝީހާމް ވިދާޅުވީ، މިއަހަރުތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުކުރެވޭނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ޓީޗަރ ރިސޯސް ސެންޓަރުތައް ވީޑިއޯ ކޮންފަރެެންސްގެ ނިޒާމުން ގުޅާލެވުމުން ފަންނީ ތަމްރީނުތައް ހޯދުމަށް ޓީޗަރުން މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވާނެ ކަމަށެވެ.
"...އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒެއް ދޭނީ މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖު ތަންފީޒުކުރުމުގެ މަސައްކަތަށް. އަދި އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މުދައްރިސުންނަށް ދޭންޖެހޭ ފަންނީ ތަމްރީނުތައް ދިނުމަށް. މިކަންތައް ހާސިލު ކުރުމަށް މިއަހަރު ތެރޭގައި... މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް މި ނިޒާމުގެ ތެރެއިން ގުޅާލެވޭނެ"، މިނިސްޓަރު ވިދާޅުވިއެވެ.
ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް މެދުވެރިކޮށް ވީހާވެސް ގިނަ ތަމްރީނުތަކެއް ހިންގުމަށް ޓީއާރްސީ ތަކަށް އެޑިއުކޭޝަން މިނިސްޓަރު މިއަދު އިލްތިމާސް ކުރައްވިއެވެ.
މަދަރުސީ ތައުލީމުގެ ގައުމީ މަންހަޖުގެ ދަށުން ތައާރަފު ކުރެވުނު ކީ ސްޓޭޖު 1 ގައި ސުކޫލްތަކުން ކޮށްފައިވާ މަސައްކަތްތަކަށް މިއަދު ކުރިއަށް ގެންދާ ކޮންފަރެންސްގައި މަޝްވަރާތައް ކުރެވޭނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ތައުލީމީ ދާއިރާގެ ނިންމުންތައް އަދި ކުރެވޭ މަސައްކަތްތައް ބިނާވެގެން ދާންވާނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް. އަދި ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްތަކަކީ ކޮބައިތޯ ވެސް ބަލަން ޖެހެނީ ހަމަ މި ގޮތަށް"، މިނިސްޓަރު ވިދާޅުވިއެވެ.

ޓީޗާ ރިސޯސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މިއަދު ކުރިއަށް ގެންދާ ޓީއާރްސީ ކޮންފަރެންސްގައި ރާއްޖޭގެ 20 އަތޮޅަކުން 110 ބައިވެރިން ބައިވެރި ވެއެވެ. އެ ކޮންފަރެންގެ ފުރަތަމަ ދަންފަޅި ޗެއާ ކުރައްވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަބްދުﷲ ނަޒީރެވެ. އަދި ދެވަނަ ދަންފަޅި ޗެއާކުރައްވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން އަހްމަދު ޝަފީއުއެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޓީއާރުސީ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ، އާ މަންހަޖު ތަންފީޒުކުރުމަށް ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުންނެވެ. އަދި ފާއިތުވީ އަހަރު ޓީއާރުސީ ތަކުގައި ކުރި މަސައްކަތްތަކާއި، ހާސިލްކުރެވުނު ކަންތައްތަކާއި، އަދި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އެ ކޮންފަރެންސްގައި މަޝްވަރާކުރެވޭނެ އެވެ.