މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ، 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކުރީގެ ނާއިބު ރައީސް އަހުމަދު ނާޒިމް ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ދެ މަސް ދުވަހަށް އިތުރުކޮށްދީފި އެވެ.

ނާޒިމުގެ އާއިލާގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ނާޒިމު ބޭސް ފަރުވާ ކުރުމަށް ކުރިން ދީފައިވާ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށް ކަމަށެވެ. އަދި އޭނާ އަށް މިހާރު އިތުރު ދެ މަސް ދުވަސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމު ބޭސް ފަރުވާ ކުރުމަށް ދިން އިތުރު މުއްދަތު ހަމަވާނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ. އަދި އެނބުރި ޖަލަށް ރުޖޫއަވާން ޖެހޭނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ.

ނާޒިމް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތީ މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށް ފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައަކާ ގުޅިގެންނެވެ.