ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ވަރަށް އަރިސް މީހެއް ކަމުގައިވާ ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފް (ޝުމްބާގޮންގު)ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިފަހަރު އޭނާގެ ބަންދަށް އިތުރު ކުރީ ހަތް ދުވަހެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މިއަދު ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި މިމަހުގެ 18 ވަނަ ދުވަހު ވަނީ ދައުވާ ކުރުމަށް ޓަކައި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބިރުދެއްކުމުގެ މައްސަލައެކެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ސްރީލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

ޝުމްބާ ގޮންގް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފަ އެވެ.