30 Jan 2016, 01:52
ފައިނަލްގައި ގައުމީ ފެންފުށީ ޒުވާނުންގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ދެ ވަނަ ޑިވިޝަން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގުޑީސް ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ހޯލްގައި މިރޭ ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ސެޓް ގުޑީސް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުއެވެ.
އެގޮތުން ފުރަތަމަ ސެޓް 25-12 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-13 އިންނެވެ. ތިން ވަނަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު ގުޑީސްއިން އެ ސެޓް ކާމިޔާބު ކުރީ 29-27 ންނެވެ.
މުބާރާތުގެ ތިން ވަނަ ހޮވި މެޗް ހާފް ލައިން ލިންކޭޖްގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކާމިޔާބު ހޯދައިގެން ތިން ވަނަ ހޯދީ ސްތެލްކޯ ރެކްރިއޭޝަން ކުލަބެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގުޑީސްގެ ބިދޭސީ ކުޅުންތެރިޔާ ޕްރަސަނާއެވެ. އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނީ ގުޑީސްގެ ސައިފުﷲ އަހުމަދެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް ހޮވިފައިވަނީ ފެންފުށީގެ ޝާމިލް އާދަމްއެވެ.
ދެ ވަނަ އަށް އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކަށް ހޮވިފައިވަނީ ސްޓެލްކޯގެ އަލީ ޝިމާލްއެވެ. އެންމެ މޮޅު ބެސްޓް މިޑްލް ބްލޮކާއަކަށް ހޮވިފައިވަނީ ފެންފުށީގެ އަހުމަދު މުހައްމަދެވެ. ދެ ވަނައަށް އެންމެ މޮޅު ބެސްޓް މިޑްލް ބްލޮކާއަކަށް ހޮވިފައިވަނީ ގުޑީސްގެ ޖަވާމް އަލީއެވެ.
އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކަށް ހޮވިފައިވަނީ ގުޑީސްގެ ހަސަން ރަޒާންއެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ރަޒާންއެވެ. އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ގުޑީސްގެ މުހައްމަދު މިފްޒާލްއެވެ.