ރަޝިއާގެ އިރުމަތީގައިި އޮންނަ ކަމްޗަތްކާ ޕެނިސުލާއަށް 7.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފި އެވެ.

ބިންހެލުން އައީ ކަމްޗަތްކާގެ ވެރިރަށާ 106 ކިލޯ މީޓަރު އުތުރުން 153 ކިލޯމީޓަރު އަޑިންނެވެ. އެސަރަހައްދުގެ ރައްޔިތަކަށް ނުވަތަ އިމާރާތަކަށް ގެއްލުންވީކަމުގެ ރިޕޯޓެއް އަދި އެގައުމުން ރިޕޯޓުކޮށްފައި ނުވެ އެވެ.

ކަމްޗަޓްކާގެ ޖިއޯފިޒިކަލް ސާވިސް އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުމުގެ ފަހު އެސަރަހައްދަށް 5.2 މެގްނިޓިއުޑްގެ ކުޑަ ބިންހެލުމެއްވެސް އައިސްފައިވެ އެވެ.

އެސަރަހައްދުގެ އެމާޖެންސީ ސާވިސެސްގެ ތަރުޖަމާނަކު ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އާއްމުންގެ ހާލު ބަލަމުން ކަމަށެވެ. އަދި އެސަރަހައްދުގެ ގިނަ އިމާރާތްތައް ހަދާފައިވަނީ މެގްނިޓިއުޑް 9އެއްގެ ބިންހެލުން އަޔަސް މާބޮޑު ގެއްލުމެއް ނުވާ ގޮތަށް ކަމަށެވެ.