31 Jan 2016, 12:21
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ ސުނައިޕަރު ޝޫޓަރުގެ ބަންދުގެ މުއްދަތު ހަތް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސުނައިޕަރުގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން އުޅޭ ކަމުގެ ތުހުމަތުގައި ލަންކާގެ ސުނައިޕަރެއް ހައްޔަރުކޮށްފައިވާ އިރު ސުނައިޕަރު ޝޫޓަރަކު ރާއްޖެ ގެނައި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ވެސް ފުލުހުން ވަނީ ދާދިފަހުން ހައްޔަރުކޮށްފަ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 27 އަހަރުގެ ސްރީލަންކާގެ ސުނައިޕަރު ޝޫޓަރު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެ އިން ކަމަށެވެ.
އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާ ދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް އޭނާއަށް ފައިސާ ދިނީ ކޮންބައެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ސަރުކާރުން ދާދިފަހުން ބުނީ ރައީސް ޔާމީން ވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތަށް ރާއްޖެ އިން ހައްޔަރުކުރި ސްރީލަންކާގެ "ސްނައިޕަރު" ހައްޔަރުކޮށްފައި ވަނީ، އޭނާ ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.