01 Feb 2016, 11:06
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފެއްދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓް ނެރުން އަވަސް ކުރުމަށް އަދާލަތު ޕާޓީ އިން ގަޮވާލައިފި އެވެ.
އެޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކަށް ރިއާޔަތްކުރާއިރު އެ ޖަރީމާގެ މުގުލުގައި ތިބިކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް އެ މައްސަލާގެ ތަހުގީގު މިހާތަނަށް ހިންގާފައި ނުވާކަމީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަދި މި މައްސަލާގައި އޮޑިޓާ ޖެނަރަލް ހިންގާފައިވާ ހާއްސަ އޮޑިޓް ނިމިފައިވާ ހިނދު، އެ ރިޕޯޓު އާންމު ނުކޮށް ލަސްވަމުން ދިއުމަކީ މި މައްސަލާގެ ތަހުގީގަށް ހުރަސްއެޅުމަށް ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރުމުގެ ތުހުމަތު ކުރުމުގެ ފުރުސަތު އޮތްކަމެކެވެ،" އަދާލަތު ޕާޓީން ބުންޏެވެ.
އެޕާޓީގެ ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅިގެން އިދިކޮޅު އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކޮރަޕްޝަން މައްސަލަ އެންމެ އަހަންމިއްޔަތުކަންދޭ މައްސަލާގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލައި ކަމަށެވެ. އަދި އެ މައްސަލާގެ ތެރެއަށް ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދިނުމަށް ވެސް އަދާލަތުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
"ދިވެހި ރައްޔިތުންނަށް މާތްﷲ ދެއްވާފައިވާ މުއްސަނދިކަން ފޭރިގަނެ، ދިވެހި ރައްޔިތުންގެ މާލިއްޔަތު ބަނގުރޫޓުކޮށްލުމުން، އަސާސީ ހިދުމަތްތަކަށް ކުރަންޖެހޭ ހޭދަ އިތުރުވެ އެކަމުގެ ބުރަ ސީދާ ރައްޔިތުންގެ ޖީބަށް ކުރަން ފަށާފައިވާ ހިނދު އެންމެހާ ފަރާތްތަކުން މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދުށުމަށް ވެސް މި ފުރުސަތުގައި ދަންނަވަމެވެ. އަދި މިފަދަ ޖަރީމާތަކުގެ މުގުލުގައި ތިބޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނީ ފިޔަވަޅު ނޭޅޭ ނަމަ، މިފަދަކަންކަން ދުވަހަކު ވެސް ނުހުއްޓުވޭނެކަން ވެސް ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި ބުނީ ކޮރަޕްޝަންގެ އަމަލުތައް ސަރުކާރު ތެރޭގައި ހިންގާކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަން އެނގިވަޑައިގަންނަވާ އިރު، އެކަން ނުހުއްޓުވުމަކީ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވުން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.