ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ދޫނިތައް މިދުވަސްވަރު ރާއްޖެ އަންނާނެ ކަމަށާއި އެފަދަ ދޫނިތައް ހިފައި ގެންގުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ ދޫނިތައް ރާއްޖެއަށް ހިޖުރަ ކުރާ ދުވަސްވަރެއް ކަމަށެވެ.

ހަމައެހެންމެ، އެފަދަ ދޫނިތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ގާނޫނު ނަންބަރު 4/93 ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ވަރަށް ގިނަ ފަރާތްތަކަކުން އެފަދަ ދޫނިތައް ހިފައި ހައްޔަރުކޮށް ގޯނާ ކުރަމުންދާތީ އެކަމާ އެ އެޖެންސީ ހިތާމަކޮށް ކަންބޮޑުވާ ކަމަށެވެ.

އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ޤާނޫނު ނަންބަރު 4/93 ގެ ދަށުން ހެދިފައިވާ "ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލު ކުރާ ފަރާތްތައް 501 އާއި 50,000 ދެމެދުގެ އަދަދަކަށް ޖޫރުމައިނާ ކުރެވޭނެއެވެ.