02 Feb 2016, 11:45
ލިބެންޖެހޭ މުސާރަ ނުލިބި ވިކްޓްރީ ސްޕޯޓްސް ކުލަބު ސަސްޕެންޝަނަކާ ހަމަޔަށް ހިނަގައިދާނެތީ ކަންބޮޑުވާ ކަމަށް 2013 ވަނަ އަހަރު އެ ޓީމަށް ކޯޗްކޮށްދިން ސޮލަވާކިއާގެ ވަލަޑަމީރު ގޮފާ ބުނެފިއެވެ.
ދެހާސްތޭރަ ވަނަ އަހަރުގެ ތިން މަސް ދުވަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެ ފީފާއަށް މައްސަލަ ހުށަހެޅުމުން ފީފާގެ 'ޕްލޭއާސް ސްޓެޓަސް ކޮމިޓީ' އިން ބެލި މައްސަލައިގެ ރިޕޯޓާއެކު މިދިޔަ އަހަރު އޮކްޓޫބަރު މަހު 28 ވަނަ ދުވަހު ގޮފާއަށާއި ވިކްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެ މައްސަލާގައި 270،000 ވުރެ ގިނަ ރުފިޔާ ދެއްކުމަށް ވިކްޓްރީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ތިން މަހުގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،000 އެމެރިކާ ޑޮލަރާއި އޭނާއަށް މުސާރަ ނުލިބި ދިމާވި ކަންކަމަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން 7500 އެމެރިކާ ޑޮލަރު ދިނުމަށާއި އެ މައްސަލާގައި ފީފާއަށް ދޭން ޖެހޭ 4000 ސްވިސް ފްރޭންކާއި މައްސަލާގައި ވަކާލާތު ކުރާ ގޮފާގެ ވަކީލަށް ދޭންޖެހޭ 1000 ސްވިސް ފްރޭންކެވެ.
އެއީ ޖުމްލަ 274،900 ރުފިޔާއެވެ.
ސަންއާ ވާހަކަ ދައްކަމުން މިވަގުތު ސޮލަވާކީއާގެ ޓީވީ ސްޓޭޝަނެއްގެ ފުޓްބޯލް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ގޮފާ ބުނީ އޭނާގެ ހިތުގައި އެކުލަބަކާ މެދު ޚާއްސަ ދަރަޖައެއް ދީފައިވާ ކުލަބަކުން އޭނާއަށް މުސާރަ ނުދީ ފީފާގެ އެންގުމަށް އަމަލުކޮށްފައި ނުވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
ގޮފާ ބުނީ މައްސަލަ މިހާރު އޮތީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ މޭޒު މަތީގައި ކަން މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރާ ވަކީލް ވިދާޅުފައިވާ ކަމަށެވެ.
އެހެންވެ މިއަހަރު ސީޒަނަށް ވިކްޓްރީ ސަސްޕެންޑް ވުމަކީވެސް ވެދާނެ ކަމެއްކަމަށް ބުންޏެވެ.
އޭނާ ބުނީ މައްސަލާގައި ވިކްޓަރީން އޭނާއަށް މުސާރަ ނުދިނުމުން އެ ޓީމުގެ އަތުން އިތުރު 6000 ޑޮލަރު ބޭކާރު ވެފައިވާ ކަމަށާއި އެއީ ފީފާއަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.
ގޮފާ ބުނީ ވިކްޓްރީގެ އާ މެނޭޖުމެންޓުން އޭނާ ގެ ހައްޤުތައް އަދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ވިކްޓްރީގެ އާ މެނޭޖުމެންޓާއެކު އެ ކުލަބަށް ކާމިޔާބު ލިބުމަށް އެދޭ ކަމަށެވެ.
އެކަމާ ބެހޭގޮތުން ވިކްޓްރީގެ ޗެއާޕާސަން އަހްމަދު އައްސަދު ވިދާޅުވީ އެ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެފްއޭއެމް މެދުވެރިކޮށް އެ ފައިސާ ފީފާއަށް ފޮނުވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ވިކްޓްރީ ސަސްޕެންޑް ވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިހާރު ވިކްޓަރީއިން ފައިސާ ދައްކާނަމަ ޖޫރިމަނާގެ ގޮތުގައި 15 ޕަސަންޓް ފައިސާ އިތުރަށް ދައްކަން ޖެހޭނެއެވެ.
އެއީ ފައިސާ ދެއްކުމަށް ފީފާއިން ވިކްޓަރީއަށް ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވެފައިވުމުން މިހާރު ފައިސާ ނުދައްކާ ހޭދަވާ ކޮންމެ މަހަކު ޖޫރިމަނާގެ ގޮތުގައި ފަސް ޕަސަންޓް އިތުރުވާނެ ކަމަށް 'ޕްލެއާ ސްޓެޓަސް ކޮމިޓީ' އިން ނިންމާފައިވާތީއެވެ.
ގޮފާ ވަނީ 2013 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓުވާން ދިޔަ ވިކްޓްރީ ޕްލޭއޮފްއިން ސަލާމަތްކޮށްދި ފުރަތަމަ ޑިވިޝަންގެ ޖާގަ އެކުލަބަށް ކަށަވަރުކޮށްދީފައެވެ.
އަދި އޭނާ ވަނީ 2005 ވަނަ އަހަރު ކ. ހުރާއަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސްއަށް ކޯޗްކޮށްދީ އެ ޓީމަށް އެ އަހަރުގެ ދިވެހި ލީގް ކާމިޔާބު ކޮށްދީފަ އެވެ. އަދި ޖެހިގެން އައި 2006 ވަނަ އަހަރު ނިއުއަށް ބަދަލުވެ އެޓީމަށް ވެސް ދިވެހި ލީގް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.