ޕީއެޗްޑީ އަދި މާސްޓާސް އަށް ކިޔެވުމަށް ދެވޭ 50 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ހުޅުވާލައިފި އެވެ.

އައިޑީބީގެ މެމްބަރު ގައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ސްކޮލަޝިޕް ފުރުސަތުގައި ބޮޑަށް ސަމާލުކަން ދޭނީ ސިއްހީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ، ނެނޯޓެކްނޮލޮޖީ، ހަކަތަ އާއި އިމާރާތްކުރުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސްކޮލަޝިޕަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ސްކޮލަޝިޕަށް އެދޭފޯމާއި އެހެނިހެން މައުލޫމާތު އިސްލާމިކް މިނިސްޓްރީގެވެބްސައިޓުގައިވަނީ ޝާއިއު ކުރެވިފަ އެވެ.

މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ހުރުމުގެ ހަރަދުގެ އިތުރުން ހެލްތު އިންޝުއަރެންސް އަދި ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކޮލަޝިޕް ދިނުމުގައި އައިޑީބީ އިން ކޯޕަރޭޝަން އެގްރީމަންޓް ހަދާފައިވާ ޔުނިވާސިޓީތަކުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ އެވެ.