02 Feb 2016, 19:25
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީއަކީ ދުނިޔޭގެ އެތަށް މިލިއަން ބަޔަކު ސަޕޯޓް ކުރާ ކުޅުންތެރިޔެކެވެ. ފުޓްބޯޅައިގެ ދަނޑުގައި މެސީގެ ޖާދޫ ބަލަން ބޭނުން ނުވާ އެއްވެސް މިހަކު ނޫޅޭނެ ކަން ކަށަވަރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެސީގެ ފޭން ބޭސްތަކާއި ސަޕޯޓަރުންގެ ގުރޫޕްތައް އުފެދިފައިވާއިރު މެސީގެ އެންމެ ބޮޑު ސަޕޯޓަރަކީ އުމުރުން އެންމެ ފަސް އަހަރުގެ ތުއްތު ކުއްޖެކެވެ.
މެސީގެ ޖޯޒީ ލައިގެން މުރުތަޒާ ކުޅެނީ --- ފޮޓޯ/ އޭއެފްޕީ
އެއީ އަފުޣާނިސްތާންގެ އުމުރުން ފަސް އަހަރުގެ މުރުތަޒާ އަހްމަދެވެ. މެސީގެ "އެންމެ ބޮޑު ސަޕޯޓަރު" ގެ ގޮތުގައި މުރުތަޒާއަށް ވަނީ ދުނިޔޭގެ ސަމާލުކަން ހުއްޓިފައެވެ. ވީ ގޮތް އެނގޭ ހެއްޔެވެ.
މުރުތަޒާ އަހްމަދަކީ އަފުޣާނިސްތާންގެ ޣަޒުނީ ޕްރޮވިންސްގައި ދިރިއުޅެމުންދާ ކުއްޖެކެވެ. އޭނާއަކީ އާޖެންޓީނާއާއި ބާސެލޯނާގެ ސަޕޯޓަރެކެވެ. އޭނާގެ އެންމެ މަގުބޫލު ކުޅުންތެރިޔަކީ މެސީއެވެ.
އުމުރުން ފަސް އަހަރުގެ މުރުތަޒާ އަހްމަދު ޕްލާސްޓިކް ކޮތަޅުން ހަދާފައިވާ މެސީގެ ޖާޒީއާއެކު--- ފޮޓޯ/ ޓްވިޓާ
ނަމަވެސް އާއިލާގެ މާލީ ނުތަނަވަސް ކަމާ ހުރެ މުރުތާޒަކަށް މެސީގެ ޖޯޒީއެއް ނުލިބުނެވެ. ނަމަވެސް ފަގީރު ކަމާއި މާލީ ނުތަނަވަސް ކަމަކީ މެސީގެ ޖޯޒީ ލުމަށް ކުޑަކުޑަ މުރުތާޒު އެއްކިބާ ވާންވީ ސަބަބެއް ނޫނެވެ.
އޭނާގެ އުންމީދު ފުރިހަމަ ކުރީ އަމިއްލަ ގޭގައި ބޭނުން ކުރާ ބާޒާރު ކޮތަޅަކުންނެވެ. އާޖެންޓީނާ ހޯމް ޖޯޒީގެ ކުލަތައް ސިފަވާގޮތަށް ޑިޒައިންތައް ހުރި ކޮތަޅު ގަޔަށް މަހައި އޭގެ ފަހަތުގައި މެސީގެ ނަމާއި ޖޯޒީ ނަންބަރު 10 ޖަހައި މެސީ ތަމްސީލު ކުރުމުގެ އުފާ މުރުތާޒު ލިބިގަތެވެ.
އުމުރުން ފަސް އަހަރުގެ މުރުތަޒާ އަހްމަދު ޕްލާސްޓިކް ކޮތަޅުން ހަދާފައިވާ މެސީގެ ޖާޒީއާއެކު--- ފޮޓޯ/ ޓްވިޓާ
އެންމެ ފަހުން ތުއްތު މުރުތާޒަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއާއި ފޮޓޯތަކުން އޭނާއަށް ދުނިޔޭގެ ތައުރީފް އޮހުނެވެ. އާޚިރު ނަތީޖާއަކީ އަހަރަކު 60 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާންމުދަނީއެއް ލިބޭ މެސީ ކުޑަކުޑަ މުރުތާޒާ ބައްދަލު ކުރަން ނިންމުމެވެ.
ގޭގައި ބޭނުން ކުރާ ބާޒާރު ކޮތަޅަކުން މެސީޖެ ޖޯޒީއެއް ހަދައި އެކަން މެސީގެ ސަމާލުކަމަށް އައީއެވެ. މުރުތާޒުގެ އާއިލާއަށް، އޭނާއަށް މެސީގެ އަސްލު ޖޯޒީއެއް ދޭން ނުލިބުނު ނަމަވެސް މުރުތާޒުގެ އެއް ހުވަފެނެއްގައި އޭނާގެ މައިންބަފައިން ކުލަ ޖައްސައިދީފިއެވެ.