ޓެކްސަސް (ފެބްރުއަރީ 3) : ޖިންސީ ގުޅުމުގެ ޒަރީއާ އިން ޒިކާ ވައިރަސް ފެތުރޭކަން ކަށަވަރުވެއްޖެކަން އެމެރިކާ އިން ހާމަކޮށްފި އެވެ.

އެމެރިކާގެ ޓެކްސަސްގެ ސަރުކާރުން ބުނީ ޖިންސީގުޅުމުގެ ސަބަބުން ހަށިގަނޑަށް ޒިކާވައިރަސް އިންފެކްޓްވި މީހެއް އެސްޓޭޓްގެ ސިއްޙީ ދާއިރާގައި ހޯމަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާކަމުގަ އެވެ. މިމީހާގެ ގަޔަށް ވައިރަސް އަރާފައި ވަނީ މަދިރިން ނޫންކަމާއި ޖިންސީގުޅުމުންކަން ސާބިތުވެފައިވާ ކަމަށް ވެސް ޓެކްސަސްގެ ލޯކަލް ސަރުކާރުން ބުނެ އެވެ. ނަމަވެސް އިންފެކްޓްވި މީހާއަކީ ފިރިހެނެއްކަން ނުވަތަ އަންހެނެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އެމީހާގެ ލެއިން ޒިކާ ވައިރަސް ފެނިފައިވާ އިރު އޭނާވަނީ މިވައިރަސް ޖެހިފައިވާ މީހަކާ ޖިންސީގުޅުން ހިންގާފައެވެ. އިންފެކްޓްވި މީހާގެ ގަޔަށް ޒިކާ ވައިރަސް ވަދެފައިވަނީ މަދިރިން ނޫންކަން ކަށަވަރުވާ އެއްސަބަބަކީ އޭނާ ޓެކްސަސް އިން ބޭރަށް ގޮސްފައިނުވުމާއެކު އެސްޓޭޓަކީ ޒިކާ ވައިރަސް ޖައްސާ މަދިރި ނޫޅޭ ސްޓޭޓަކަށްވާތީ ކަމަށްވެސް ޓެކްސަސްގެ ލޯކަލް ސަރުކާރުން ބުނެ އެވެ.

މިމީހާގެ ގަޔަށް ވައިރަސް އަރާފައި ވަނީ ޖިންސީ ގުޅުމުންކަން ހާމަވާ އެތައް ހެކިތަކެއް ޓެކްސަސްގެ ސިއްޙަތާބެހޭ ތަޖްރިބާކާރުންވަނީ ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް ގާތުން ކިރުދިނުމުން ޒިކާ ވައިރަސް މަންމަގެ ފަރާތުން ދަރިފުޅުގެ ގަޔަށް އަރާކަމުގެ އިލްމީ ހެއްކެތް ނެތް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެ އެވެ. އަދި އެޖަމްއިއްޔާއިން ވަނީ ޖިންސީ ގުޅުމުގެ ސަބަބުން ޒިކާ ވައިރަސް ޖެހިދާނެކަމަށް ބުނެފަ އެވެ. ނަމަވެސް މިކަން ކަށަވަރު ކުރުމަށް އިތުރު ތަޖްރިބާތައް ބޭނުންވާ ކަމަށް އެޖަމްއިއްޔާ އިން ހާމަކޮށްފައިވެ އެވެ.
ޒިކާ ވައިރަސްއަކީ މަދިރީގެ ޒަރީއާ އިން ޖެހޭ ބައްޔެކެވެ. މި ބަލީގެ ވައިރަސް މަދިރިން ފެތުރޭކަންވަނީ ކަށަވަރުވެފަ އެވެ. ޒިކާ ވައިރަސް ނައްތާލުމަށް ޓަކައި ކެރީބިޔަންގެ ގައުމުތަކާއި ބްރަޒީލްއާއި އެނޫންވެސް ލެޓިން އެމެރިކާގެ ގައުމުތަކުންވަނީ މަދިރިއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފަ އެވެ. މިގައުމުތަކުގައި ޒިކާވައިރަސްގެ އަސަރުކޮށްފައިވާ އެތައް ހާސް ކުޑަކުދިންއެބަތިއްބެވެ.
ޒިކާވައިރަސް މާބަނޑު އަންހެނުންނަށް ޖެހުމުން އެމީހުންގެ ބަނޑުގައިވާ ދަރިންގެ ސިކުނޑީގެ ޓީޝޫތައް ހަލާކުވެ ބޮލުގެ ނާށިގަނޑު ކުޑަވެ އައިބުވާގޮތް ވާކަން ސިއްޙަތާބެހޭ ތަޖްރިބާކާރުންވަނީ ފާހަގަކުރައްވާފަ އެވެ. (ބީބީސީ)