ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމް (ޓީޓީ) އިންޑިއާއަށް ފުރައިފި އެވެ.

އަންނަ މަހު 6 އިން 16 އަށް އިންޑިއާގެ ގުވަހާޓީ އާއި ޝިލޮންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގޭމްސްގައި ރާއްޖޭގެ ފަރާތުން ވަނީ އަންހެން އަދި ފިރިހެން ޓީމެއް ވެސް ބައިވެރިވެފަ އެވެ.

ގޭމްސްއަށް ފަރިތަކުރުމުގެ ގޮތުން ޓީޓީ ޓީމުން ރާއްޖޭން ބޭރެއް ދިއުމުގެ ފުރުސަތު ނުލިބުމުން ވަނީ ޗައިނާގެ ކޯޗުގެ ބެލުމުގެ ދަށުން ދިހަ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މާލޭގައި އެ ކުޅުންތެރިންނަށް ބާއްވާފަ އެވެ.

އެ ތަމްރީންތަކާއި ގުޅޭ ގޮތުން މީގެ ކުރިން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބުރައީސް ޢަލީ ރަޝީދު ސަންއަށް ވިދާޅުވީ، ގޭމްސްގައި ވާދަ ކުރާ ކުޅުންތެރިންގެ ފެންވަރު ކުރިއަށް ވުރެން ރަނގަޅުވާނެ ކަމަށާއި އަންހެން ޓީމުގެ އިތުރުން ފިރިހެން ޓީމާ މެދު ވެސް އުންމީދުތަކެއް ކުރާ ކަމަށެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއާ ދެން ވާދަކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް އާއި ނޭޕަލް އާއި ޕާކިސްތާންގެ އިތުރުން ބޫޓާން އާއި އަފްގާނިސްތާނެވެ.