މިއަންނަ ހުކުރު ދުވަހު އިންޑިއާގައި ފަށާ ދެކުނު ސަރައްހައްދުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ސައުތު އޭޝިއަން ގޭމްސްގައި ބާސްކެޓް ކެޓެގަރީން ޓީމުތައް ބައިވެރި ނުވުމަށް އިންޓަނެޝަލަ ބާސްކެޓް ބޯބޯލް ފެޑްރޭޝަން (ފީބާ) އިން އަންގައިފި އެވެ.

މި އެންގުން ފިބާ އިން ވަނީ ރާއްޖެ އަށް ވެސް އަންގައިފަ އެވެ.

އެކަމާ ބެހޭ ގޮތުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް ޢާރިފް ރިޒާ ވިދާޅުވީ ފީބާ އިން މިގޮތަށް އަންގާފައި ވަނީ މުބާރާތް ބާއްވާ އިންޑިއާގެ ބޯސްކެޓްބޯލް ފެޑްރޭޝަނުން ފީބާގެ ގަވައިދުތަކަށް އަމަލުނުކޮށް ނޯތު އެމެރިކާ ބައްރުގެ ބާސްކެޓްބޯލް އެސޯސިއޭޝަން އެންބީއޭގެ ގަވާޢިދުތަކަށް އަމަލު ކުރަމުންދާތީ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ޔަގީނެއް ނޫން ސީދާ ސަބަބަކީ ކޮބައިކަމެއް. އިންޑިއާގެ ބާސްކެޓްބޯލް ފެޑްރޭޝަނާ ދުނިޔޭގެ ބާސްކެޓްބޯލްގެ މައި ފެޑްރޭޝަނުން އެޅި ފިޔަވަޅެއް މީ. ބޮޑަށް ބެލެވެނީ އިންޑިއާގެ ފެޑްރޭޝަނުން ފިބާގެ ގަވައިދުތަކަށް އަމަލުނުކޮށް އެންބީއޭގެ ގަވައިދުތަކަށް އަމަލު ކުރާތީ ކަމަށް،" ރިޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުތަކުން މުބާރާތުގައި ވާދަ ކުރަން ތައްޔާރުވެ އެތައް ޚަރަދުތަކެއް ކުރިފަހުން ފީބާ އިން މިގޮތަށް އެންގުމުން އެއީ ޓީމުތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެހެންވެ ގައުމުތަކުން ފީބާއާއި ވާހަކަ ދައްކަމުންދާ ކަމަށެވެ.

މިވަގުތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމެއް ވެސް އިންޑިއާގައި ގައުމުތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށާއި ބާސްކެޓްބޯލް އެސޯސިއޭޝަނުން ފީބާއާ ވެސް ވާހަކަަ ދައްކަމުން އަންނަ ކަމަށް ރިޒާ ވިދާޅުވި އެވެ.

"ގައުމުތަކުން ބޭނުން ނުވޭ މުބާރާތައް މިހާވަރަށް ތައްޔާރުވެފައި އެނބުރި ދާކަށް. އެހެންވެ ގައުމުތަކުން މިދަނީ ފީބާއާ މިވާހަކަ ދައްކަމުން. އަދި ވަކި ގޮތެއް ހަމަނުޖެހޭ،" ރިޒާ ވިދާޅުވި އެވެ.