ވޮޝިންޓަން (ފެބްރުއަރީ 3): ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ އެމެރިކާގެ އަޔޯވާގައި އަލުން ބާއްވަން ޖެހޭ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އަޔޯވާ ސްޓޭޓުގައި ބޭއްވި ޕްރައިމަރީން ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޓްރަމްޕް ވަނީ އިންތިހާބުން ކުރި ހޯއްދެވި ޓެޑް ކްރޫޒްގެ މައްޗަށް ހިޔާނާތްތެރިވުމުގެ ތުހުމަތުކޮށްފަ އެވެ. އަދި ކެމްޕެއިން ކުރުމުގައި ކްރޫޒްއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ރިޕަބްލިކަން ޕާޓީގެ އިތުރު ކެނޑިޑޭޓެއް ކަމަށްވާ ބެން ކާސަން އިންތިހާބުން ވަކިވެޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ ދޮގު ހަބަރު ފަތުރާފަ ކަމަށް ވިދާޅުވެފަ އެވެ.

"ކްރޫޒް ނެގީ [ކާސަންގެ] ވޯޓުތައް. އެއީ ވޯޓު ހޯދުމަށް ހިޔާނާތްތެރިވުން. އެހެންވެ ހިޔާލު ހޯދަން ނެގި ވޯޓުތަކާ އަސްލު ވޯޓާ ދިމާނުވީ،" ޓްރަމްޕް ވިދާޅުވި އެވެ.

އެތުހުމަތުތަކާ ގުޅިގެން ޓެޑް ކްރޫޒް ވަނީ ކާސަންގެ ފަރާތުން މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، ޓްރަމްޕްގެ އެތުހުމަތުތަކާ ގުޅިގެން ކްރޫޒް ވަކި އެއްޗެކޭ ވިދާޅުވެފައި ނުވެ އެވެ.

އެމެރިކާއަށް އާރައީސަކު ހޮވުމަށް ރިޔާސީ އިންތިހާބު ބާއްވާނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. (ބީބީސީ)