04 Feb 2016, 12:12
ބިން ހިއްކުމަށްޓަކައި ޑްރެޑްޖަރެއް ސަރުކާރުން ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ރަށްތަކާއި ބިންހިއްކުމަށް ޑުރެޖަރެއް ގަތުމަށް މިހާރު ފައިސާ ދައްކާފައިވާ ކަމަށާއި އެޑުރެޖައިލް މިއަހަރު ފަހުކޮޅު ލިބިގެންދާނެ ކަމަށެވެ.
"ރިސޯޓު ހެދުމަށް ބޮޑެތި ފަޅުތަކުގައި ރަށް އުފެއްދުމަށާއި އަދި ބިންހިއްކުމުގެ މަޝްރޫތައް ހިންގުން އަވަސް ކުރުމަށްޓަކައި ކޮޕޯ ޑުރެޖައިލް ގަތުމަށް ދައްކަންޖެހޭ މިހާރު ވަނީ ދައްކާ ނިންމާފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދެ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހެކްޓަރެއްގެ ބިން ހިއްކާލެވޭ ވަރުގެ ކެޕޭސިޓީ ހުރި ޑްރެޑްޖަރެއް ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މީގެ މަހެއްހާ ދުވަސް ކުރިން އިއުލާންކޮށްފައެވެ.
އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ވިދާޅުވީ، އެމްޓީސީސީގެ މަސައްކަތްތައް ވީހާވެސް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ކުންފުނިން ބިންހިއްކުމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެގޮތުން ހަލީމް ވިދާޅުވީ 2016 ވަނަ އަހަރު ނިމުމުގެ ކުރިން އެ ޑްރެޖަރު ރާއްޖެއަށް ގެނެސް ރާއްޖޭގައި ބިންހިއްކުމުގެ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީން މިއަދު ވިދާޅުވީ ހަތް ރަށެއްގެ ބިން ހިއްކާފައިވާ ސަރަހައްދު މަސައްކަތް ކުރަމުންދާއިރު އިތުރު ތިން ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫގައި މިހާރު ވަނީ ސޮއިކުރެވިފައި ކަމަށެވެ.