04 Feb 2016, 14:29
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމަށް ވިސްނަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ސަން އަށް ވިދާޅުވީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ދޫކުރާ ލޯންތަކުގެ އިންޓުރެސްޓް ރޭޓް ކުޑަކުރުމުގެ މަސައްކަތް އެ ބޭންކުން ކުރަމުން އަންނަ ކަމަށެވެ.
އެ ބޭންކުން މިހާރު އަންނަނީ 11 އާއި 18 ޕަސެންޓަށް އިންޓްރެސްޓް ނަގަމުންނެވެ.
ފީތައް ބޮޑުވެގެން ކަސްޓަމަރުންގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި ބެންކުން މިހާރުވަނީ ފީތައް ކުޑަކުރެވިފައި ކަމަށް ވެސް އެންޑުރޫ ވިދާޅުވި އެވެ. އެގޮތުން ކުރިން އަހަރަކު 15 މިލިއަން ރުފިޔާގެ އާމްދަނީ ލިބެމުން އައި އޭޓީއެމްތަކުގެ ފީ ވެސް ކަނޑާލާފައިވާ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރު 150 މިލިއަން ރުފިޔާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން އިންވެސްޓް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލޯން ދިނުމުގައި ބީއެމްއެލް އިން ކުރިއަށް ވުރެ ދެގުނަ އިތުރުކޮށް 3.4 ބިލިއަން ރުފިޔާ ލޯން ދޫކޮށްފައިވާ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
"އަހަރެން އަބަދުވެސް ބުނަން ބޭންކްގެ ޒިންމާއެކޭ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަކީ. އެގޮތުން މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ 150 މިލިއަން ރުފިޔާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން އިންވެސްޓް ކޮށްފައި. އެއީ އާ ބުރާންޗްތަކާއި އޭޓީއެމްތަކާއި ސެލްފް ސާވިސް ބޭންކްތަށް ހުޅުވުމާއި އަދި ދޯނި ބޭންކުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރައްތަކަކަށް ފައިސާ ނެގޭނެ ހިދުމަތް ދިނުމަށް" އެންޑްރޫ ވިދާޅުވި އެވެ.