ށ. އަތޮޅު ތައުލީމީ މަރުކަޒާއި ދ. އަތޮޅު މަދަރުސާގައި ކްލާސްރޫމްތަކެއް އެޅުމަށްޓަކައި އެމްއެސްބީ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރު ފަރާތުން އެތަންތަނުގެ ކްލާސްރޫމް އެޅުން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް އެވެ. އަދި އެމްއެސް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ނަސީރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ށ. ކޮމަންޑޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވާ ކަމަށެވެ.

"ދެ ބުރިއަށް ނަގާ އިމާރާތެއްގައި ދެ ކްލާސްރޫމް ދެ ކްލާސްރޫމް އިންނަ ގޮތަށް އިމާރާ ކުރުމަށް ހަމަޖެހިފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓަކީ 3.47 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެ ފައިސާއަކީ ވޯލްޑް ބޭންކްގެ ޕްރޮޖެކްޓްގެ ފަރާތުން ފަންޑު ކުރާ ފައިސާ ކަމަށެވެ.

ދ. އަތޮޅު މަދަރުސާގައި ހަ ކްލާސްރޫމް އެޅުމަށް ހަމަޖެހިފައިވާ އިރު އެ ކްލާސްރޫމްތައް އަޅާނީ ވެސް ދެ ފަންގިފިލާގަ އެވެ. އިބްރާހިމް އިސްމާއިލް ވިދާޅުވީ ކޮންމެ ފަންގިފިލައެއްގައި ތިން ކްލާސްރޫމް އިންނާނެ ކަށެވެ.

އެ މަސައްކަތަށް 4.63 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތަކީ ވެސް ވޯލްޑް ބޭންކް އިން ފަންޑު ކޮށްގެން ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދ. އަތޮޅު މަދަރުސާ އާއި ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ކްލާސްރޫމްތައް އެޅުމަށް 364 ދުވަސް ވާނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި އިމާރާތުގެ މަސައްކަތް މުޅިން ނިމި 2017 ވަނަ އަހަރުގެ ކިިޔެވުން ފެށޭ އިރު މި އިމާރާތުގެ ބޭނުން ކުރަން ފެށޭނޭކަމަށް،" އޭނާ ވިދާޅުވި އެވެ.