04 Feb 2016, 18:06
އިންޑިއަން ނޭވީގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ފްލީޓް ރިވިއުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
ޝިޔާމް އަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން އަލްވަދާއު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދެވެ.
މިދަތުރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހިމް ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދުން ފެށިގެން މިމަހުގެ އަށް ވަނަ ދުވަހާ ހަމައަށް އިންޑިއާގެ ވިޝާކާޕަޓްނަމްގައި އޮންނަ އިންޑިއަން ނޭވީސް އިންޓަރނޭޝަނަލް ފްލީޓް ރިވިއުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ "ޝިޕް ހުރަވީ" ބައިވެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ފްލީޓް ރިވިއުއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ފައިނަލް ރިހާސަލްގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ވަނީ ބައިވެރިވެފައެވެ.
އިންޑިއަން ނޭވީގެ އިންޓަރނޭޝަނަލް ފްލީޓް ރިވިއުގައި ޔޫއެސްއޭ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ އަދި ޗައިނާ ފަދަ ޤައުމުތަކުގެ ނޭވީ އުޅަނދުތައް ބައިވެރިވެރިވުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ އެކި ބައްރުތަކުން 51 ޤައުމެއް މި ފްލީޓް ރިވިއުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއާ ސަރަހައްދުން މި ފްލީޓް ރިވިއުގައި އިންޑިއާގެ އިތުރުން ބައިވެރިވާނީ ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ބަންގުލަދޭޝް އެވެ.