ކާބުލް (ފެބްރުއަރީ 3): އަފްގާނިސްތާނުގެ ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރި 10 އަހަރުގެ ވަސީލް އަހުމަދު، އެޖަމާއަތުން ބަޑި ޖަހާ މަރާލައިފި ކަމަށް އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ވަސީލްގެ ބޮޑުބޭބެ އަދި އަފްގާނިސްތާނު ފުލުހުންގެ ކޮމާންޑަރެއް ކަމަށްވާ މުއްލާ ސަމަދު ބުނީ މިދިޔަ އަހަރު ވަސީލް ވަނީ ތާލިބާނުން ހިސާރުކޮށްފައިވާ ސަރަހައްދަކުން އެޖަމާއަތުގެ ބައިވެރިން ފޮނުވާލުމަށް ފުލުހުންގެ ފައުޖެއް ކޮމާންޑުކޮށްފަ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ރޫޒްގާން ޕްރޮވިންސުގައި ހުންނަ ވަސީލުގެ ސްކޫލަށް ދިޔަ މަގުމަތީގައި އޭނާގެ ގަޔަށް ބަޑި ޖަހާ ޒަހަމް ކުރީ ސައިކަލެއް ދުއްވާފައި ދިޔަ ދެމީހުން ކަމަށް ރޫޒްގާން ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު ވިދާޅުވި އެވެ. ވަސީލް މަރުވީ އޭނާގެ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ކަންދަހާރުގެ ހޮސްޕިޓަލެއްގައި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ވަސީލްއަށް ހަމަލާދިން ދުވަހު ތާލިބާނުންގެ ވެބްސައިޓް މެދުވެރިކޮށް އެޖަމާއަތުން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ.

ސާޅީސްތިން ދުވަސް ވަންދެން ތާލިބާނުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ވަސީލް އިސް ދައުރެއް އަދާކުރުމުގެ ސަބަބުން ރޫޒްގާން ޕްރޮވިންސުގެ ފުލުހުން ވަނީ އޭނާއަށް "ހީރޯ"އެއްގެ ލަގަބު ދީފަ އެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ އަސްކަރިއްޔާގައި ކުޑަކުދިން ބައިވެރިކުރުން މަނާކޮށްފަ އެވެ. ނަމަވެސް، އެގައުމުގެ އަސްކަރިއްޔާއިންނާއި ތާލިބާނުން ދަނީ ކުޑަކުދިން ހަނގުރާމައިގައި ބައިވެރިކުރަމުން ކަމަށް ޗައިލްޑް ސޯލްޖާސް އިންޓަނޭޝަނަލް އިން ބުނެފައިވެ އެވެ. (ސީއެންއެން)