05 Feb 2016, 20:14
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނަށް ލިބުނު ފައިސާގެ ތެރެއިން ދައުލަތަށް ނުލިބިވާ 1.22 ބިލިޔަން ރުފިޔާ (79.37 މިލިޔަން އެމެރިކާ ޑޮލަރު)ގެ ތެރެއިން 550،000 ޑޮލަރު، ދެ ކުންފުންޏަކާއި ފަރުދެއްގެ އެކައުންޓްތަކަކަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައިވާ އަމިއްލަ ކުންފުނިތަކުގެ ނަންތައް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވީ ނަމަވެސް 550000 ޑޮލަރު ޖަމާކޮށްފައި ވަނީ ކޮން ދެ ކުންފުންޏަކާއި ކޮން ފަރުދެއްގެ އެކައުންޓްތަކަކަށް ކަމެއް ރިޕޯޓްގައި ހާމަކޮށްފައެއް ނުވެ އެވެ. އެހެން ކުންފުނިތަކުގެ ނަންތައް ހާމަކުރުމަށް ފަހު ބުނެފައި ވަނީ "އެހެން އަމިއްލަ ދެކުންފުންޏަކާއި ފަރުދެއްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ 550 ހާސް ޑޮލަރު" ކަމަށެވެ.
ފައިސާ ދޫކޮށްފައިވާ އަމިއްލަ ބައެއް ކުންފުނިތަކުގެ ނަންތައް ވެސް އޮޑިޓްރިޕޯޓްގައި ހާމަކޮށްފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ދައުލަތަށް ހޯދަން ޖެހޭ ފައިސާގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 70.17 މިލިޔަން ޑޮލަރާއި މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓްލިމިޓެޑުން ހޯދަން ޖެހޭ 7.50 މިލިޔަން ޑޮލަރާއި މޮންޓްރިއަލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 1.15 މިލިޔަން ޑޮލަރު ހިމެނޭ ކަމަށެވެ.