ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިއްކި 10 ހެކްޓަރުގެ ގުޅީފަޅު، ތަރައްގީ ކުރާ ކުންފުނީގެ އަތުން ފުލުހުން މެދުވެރިކޮށް އެ ރަށް އަތުލައި، ސަރުކާރުގެ ބެލުމުގެ ދަށަށް އެ ރަށް ގެނެސްފި އެވެ.

އެ ރަށް ބަލަހައްޓަމުންދަނީ އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ)އިންނެވެ. ފުލުހުން ވަނީ އެ ރަށަށް އަރައި އެ ރަށުގައި ހުރި އެ ކުންފުނީގެ ތަކެތި ރަށުން ބޭލުމުގެ މަސައްކަތް ފަށާފަ އެވެ.

ޖީޕީޑީގެ އަތުން އެ ރަށް އަތުލުމާ ގުޅިގެން އެ ކުންފުނީގެ ވަކީލު ޝަހީން ހަމީދު ވިދާޅުވީ އެ ރަށް ދައުލަތަށް ނެގުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް ހުށަަހަޅުއްވާނެ ކަމަށެވެ.

ޖީޕީޑީގެ އަތުން ގުޅީފަޅު އަތުލަން ނިންމީ ކޮންސެޝަން ފީ ހިމެނޭގޮތުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާތީ އާއި އެއްވެސް ވަރަކަށް އެތަން ތަރައްގީ ކުރެވިފައި ނުވާތީ އެވެ.

ސަރުކާރުން އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ) އަށް ތަރައްގީ ކުރުމަށް ކޮންސެޝަން އެގްރީމެންޓުގެ ދަށުން ދޫކޮށްފައިވާ ގުޅީފަޅު ފުލުހުންގެ އެހީތެރިކަމާ އެކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުން ---- ސަން ފޮޓޯ: އަހްމަދު އާޒިފް

ދައުލަތަށް އެ ރަށް ނެގުމަށްފަހު މިހާރު އެތަން ވަނީ ސަރުކާރުން އުފައްދާފައިވާ ގުޅީފަޅު އިންވެސްޓްމަންޓު ލިމިޓެޑާ ހަވާލުކޮށްފައެވެ.

ޖީޕީޑީ ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ ކޯޓު އަމުރެއް ނެތި ފުލުހުންނަށް ގުޅީ ފަޅަށް އެރިދާނެ ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ އެކުންފުންޏާ އެތަން ހަވާލުކޮށްފައި ވަނީ ކޮންސެޝަން އެގްރީމެންޓެއްގެ ދަށުން ކަމަށްވެފައި، އެ އެގްރީމެންޓުގައި ބުނާގޮތުން ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެކަން ހައްލު ކުރަން ދާންޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމުގައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ ދައުލަތަށް އެތަން ނެގުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށެވެ.

ޯ