ދިމިޝްގު (ފެބްރުއަރީ 7):އައިއެސް ޖަމާއަތް ނައްތާލުމުގެ ނަމުގައިވެސް އަދި އެހެންނަމެއްގައި ވެސް ސޫރިޔާ ސަރުކާރުގެ ހުއްދަލިބިގެންނޫނީ އެގައުމަށް އަރައި ހަނގުރާމަކޮށްގެން ނުވާނެކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުއައްލިމް ވިދާޅުވެއްޖެ އެވެ.

ސޫރިޔާގެ ރަސްމީ ޓީވީން ދުރަށްފޮނުވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއައްލިމް ވިދާޅުވީ، ސޫރިޔާ ސަރުކާރުގެ ހުއްދަލިބިގެންނޫނީ އެގައުމަށް އަރާ ކޮންމެ މީހަކު އެނބުރި ދާންޖެހޭނީ އޭނާގެ ފުރާނަނެތް މަސްގަނޑާއެކު ސަންދޯކެއްގައި ކަމުގައެވެ.

މުއައްލިމް މިމޭރުމުން ވާހަކަ ދެއްކެވީ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށްކަމަށްބުނެ އެއްގަމު މަގުން ސޫރިޔާއަށް ސިފައިން ފޮނުވަން ތައްޔާރަށްއޮތްކަން ސައޫދީ އަރަބިޔާ ބުނެފައި ވަނިކޮށެވެ.

ސައޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔަރ އަހްމަދުލްއުސައިރީ މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ ސޫރިޔާގެ އެތެރޭގައި އެއްގަމު މަގުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހިންގާ އަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވުމަށް ސައޫދީ ސިފައިންގެ ލަޝްކަރުތައް ތައްޔާރަށް އޮތްކަމުގައެވެ. މިގޮތުން ސައޫދީ އަރަބިޔާއަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އެކުލަވާލާފައިވާ ކޯލިޝަންގެ މުހިއްމު ބައިވެރިއެއްކަމާއި އައިއެސްއާ ދެކޮޅަށް ސޫރިޔާގެ ބިމުގައި އެއްގަމު މަގުން ހަނގުރާމަކުރަން ސައޫދީ ލަޝްކަރުތައް ތައްޔާރަށް އޮތްކަމަށްވެސް ސައޫދީ އަސްކަރީ ތަރްޖަމާން ވިދާޅުވެފައިވެއެވެ.

ސައޫދީ އަރަބިޔާއަކީ ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ މަދު ގައުމުތަކުގެ ތެރޭގައި ހަރަކާތްތެރިވާ ގައުމެކެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަށް މާލީ އެހީއާއި ހަތިޔާރު ފޯރުކޮށްދިނުމުގައި ސައޫދީ ސަރުކާރުގެ ދައުރު ވަރަށް ބޮޑެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ސަރުކާރަށް ވާގިވެރިވަނީ ރަޝިޔާއާއި އީރާނުންނެވެ.

ސޫރިޔާ ސަރުކާރަށް ވާގިވެރިވާ އީރާނުގެ ޖެނެރަލަކުވަނީ އެއްގަމުމަގުން ސޫރިޔާއަށް އެރުމުގެ އަސްކަރި ގާބިލްކަމާއި ހިތްވަރު ސައޫދީ ސިފައިންގެ ކިބައިގައި ހުރިކަމާމެދު ސުވާލު އުފައްދާފައެވެ. ސައޫދީ އަރަބިޔާއަކީ އެގައުމުގެ މަސްލަޙަތު ހިމާޔަތް ކުރުމަށް ޓަކައި ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވެސް އަސްކަރީ ގޮތުން ވަދެގެންފައިވާ ގައުމެކެވެ. ޔަމަންގެ ހަނގުރާމައިގާ ސައޫދީ އަރަބިޔާ ހިމާޔަތް ކުރަމުން ގެންދަނީ އެގައުމުގެ ތާއީދުލިބިފައިވާ އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރެވެ. ހާދީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަނީ އީރާނުގެ ތާއީދު ލިބިފައިވާ ހޫޘީ ޖަމާއަތުންނެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް ސަތޭކައަށްވުރެ ގިނަ ޖަމާއަތަކުން ހަނގުރާމަކުރާއިރުވެސް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލެވިފައެއް ނުވެއެވެ. ނަމަވެސް މިހަނގުރާމައިގާ އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށަށް ސޫރީޔާގެ ބިމުގެ ބޮޑުބައެއްވަނީ ގޮސްފައެވެ. މިބިންތައް އަލުން އަތުލަން ސޫރިޔާ ސިފައިން ކުރަމުން ގެންދާ ހަނގުރާމައިގާ ހަލަބްގެ ކައިރީގައިވާ ބައެއް ސަރަހައްދުތައް މިހާރުވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނަސްފައެވެ.

ހަލަބްގެ ކައިރީގައިވާ ސަރަހައްދުތަކުގެ ކޮންޓްރޯލް ސޫރިޔާ ސިފައިންނަށް ލިބިއްޖެނަމަ ތުރުކީ މެދުވެރިކޮށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ލިބޭ ހަތިޔާރުގެ ސަޕްލައިގެ ބޮޑުބައެއް ހުއްޓުމަކަށް އަންނާނެއެވެ. މިއާއެކު ސޫރިޔާގެ އިދިކޮޅު ގިނަ ޖަމާއަތްތައް ބަލިވެގެންދާނެކަމަށް ސޫރިޔާ ސަރުކާރު ދެކެއެވެ. ނަމަވެސް ސޫރިޔާގެ މައްސަލައިގެ ތެރެއަށް ވާދަވެރި ގައުމުތައް މާބޮޑަށް ވަދެ ކޮންމެ ގައުމަކުންވެސް އެގައުމެއްގެ މަސްލަޙަތާ އެއްގޮތަށް މަސައްކަތް ކުރަމުންދާތީ ސޫރިޔާގެ މައްސަލަ އަސްކަރީގޮތުން ހައްލުނުކުރެވޭނެކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ސޫރިޔާގެ މައްސަލައިގެ ތެރެއަށް އީރާނާއި ސައޫދީ އާއި ރަޝިޔާއާއި އެމެރިކާފަދަ ގައުމުތައް ވަނުމުގެ ސަބަބުން ހަނގުރާމަ ދިގުލައި އެކަމުގެ ހުރިހާ ގެއްލުމެއް ކުރިމަތިވަމުންދަނީ އެގައުމުގެ ރައްޔިތުންނަށެވެ. (ނޫސްއެޖެންސީތައް)