07 Feb 2016, 14:26
އިންޑިއާގެ ގުވަހަތީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ބާސްކެޓްބޯލް އެވެންޓް ނުބާއްވާގޮތަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ދުނިޔޭގެ ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ) އިން ސަރަހައްދީ ގައުމުތަކަށް ގޭމްސްގައި ބައިވެރި ނުވުމަށް އަންގާފައިވާތީއެވެ.
ފީބާއިން ސަރަހައްދުގެ ގައުމުތަކަށް އަންގާފައިވަނީ މުބާރާތް ބާއްވާ ގައުމު އިންޑީއާގެ ބާސްކެޓްބޯލް ފެޑްރޭޝަނުން އުތުރު އެމެރިކާގެ ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ)ގެ އުސޫލުތަކަށް އަމަލު ކުރާތީއެވެ.
ޓްރެއިނިން ކޭމްޕަށް ފަހު ގައުމީ ފިރިހެން ޓީމު މިއަދު މާލެ އައިސްފައިވާއިރު ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ ގޭމްސްގައި އަންހެން އަދި ފިރިހެން ޓީމުވެސް ބައިވެރި ނުވުމަށް ނިންމާފައެވެ.
މީގެ ކުރިން ބާސްކެޓްބޯލް އެސޯސިއޭޝަނުން މިދިޔަ ހަފުތާގައި ބުނެފައިވަނީ އެކަމާ ގުޅޭގޮތުން ސަރަހައްދީ ގައުމުތަކުން ފީބާއާ ވާހަކަ ދައްކަމުން އަންނަކަމަށެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން ސަންއާ ވާހަކަ ދައްކަވަމުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނަރަލް ޢާރިފު ރިޒާ ވިދާޅުވީ، ފީބާއާ ވާހަކަ ދެއްކި ނަމަވެސް އެމަސައްކަތް ކާމިޔަބު ނުވުމުން މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބާސްކެޓް ކެޓަގަރީ ނުހިމެނުމަށް ގޭމްސް އިންތިޒާމު ކުރާ ފާރަތްތަކުން ނިންމާފައިވާކަމަށެވެ.
ރިޒާ ވިދާޅުވީ، ސަރަހައްދީ ޤައުމުތަކުން ގޭމްސްއަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާތީ ސަރަހައްދީ ބާސްކެޓްބޯލް ފެޑެރޭޝަނުން ސަބާ ޗެމްޕިއަންޝިޕް ވަރަށް އަވާހަށް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސަބާ ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތް ނޭޕާލްގައި ބާއްވަން ނިންމާފައިވާއިރު އިންޑިއާގައި ފިރިހެން ޓީމުތަކުގެ މުބާރާތް ބޭއްވުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.