ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފައި ހުރި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށް އަލުން އަނބުރާ ޖަލަށް ގެންދިއުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން އިމްރާން ދިރިއުޅުއްވާ ގެއަށް ވަދެ، އޭނާ ހައްޔަރުކޮށްގެން އަލުން އަނބުރާ ޖަލަށް ބަދަލުކުރި ކުރުމުން ދައްކުވައިދެނީ "ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހުއްޓުމެއްނެތި ކުރިޔަށްދާކަން" ކަމަށެވެ.

އެމްޑީޕީ އިން ބުނީ އިމްރާން އަލުން ޖަލަށް ބަދަލުކުރުމަކީ ސަރުކާރަށް ފާޑުވިދާޅުވާ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލައި ބިރުދެއްކުމުގެ ގޮތުން ހިންގި އަމަލެއް ކަމަށެވެ.

"ޝެއިޚް އިމްރާން ޢަބްދުﷲ ރޭގެ ދަންވަރުގެ ވަގުތެއްގައި އަލުން އަނބުރާ ޖަލަށް ގެންދެވި ގެންދެވުމަކީ އެމަނިކުފާނާ މެދު ނާއިންސާފުވުން އިންތިހާއަށް ގޮސްފައިވާކަން ހާމަވާކަމެކެވެ." އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީ އިން ވަނީ އިމްރާނާއި އެހެނިހެން ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ގޮވާލުމަށް ސަރުކާރުން ބޯލަނބައި، ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އެ ޕާޓީން ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިމްރާން ޖަލަށް ބަދަލުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ޖަލަށް ބަދަލުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

މީގެ ކުރިން ވެސް އިމްރާން ޝަރީއަތް ނިމެންދެން ގެއަށް ބަދަލުކޮށްފައި ވަނިކޮށް އިންޓެލިޖެންސް ރިޕޯޓެއް ފުލުހުންނަށް ލިބިގެން އޭނާ ވަނީ އެފަހަރު ވެސް ޖަލަށް ބަދަލުކޮށްފަ އެވެ. އަދި އޭގެ ފަހުން އަނެއްކާ ގޭބަންދަށް ބަދަލުކުރީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުލުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިއްވަރުލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ. ނަމަވެސް އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.